އެމެރިކާއާ ރަޝިއާ އެއްމޭޒު ދޮށުގައި ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރުމަށް ފަހު ދެން އަޅާ ފިޔަވަޅުމަތީގައި ހުރެ އެމެރިކާ ކުރާ ކަމަކީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އާ ކުރުން ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވީ އެމެރިކާއަކީ ވަރަށް ޔަހޫދީ ބައެއް ކަމަށާއި ގުޅުން ބަދަހި ކުރުމަކީ އެމެރިކާ ކުރާހިތްވާ ވެސް ކަމެއް ނޫން ކަމަށެވެ.
ތަރުޖަމާން ވިދާޅުވި ގޮތުން އެލެކްސީ ނަވަލްނީއަށް ޒަހަރު ދިން ކަމަށް ބުނާ ހާދިސާއަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެނާ ވިދާޅުވި ގޮތުގައި ނަވަލްނީއަށް ޒަހަރު ދިނީ ރަޝިއާ ސަރުކާރުން ކަމަށް ބުނާއިރު އަދިވެސް އެކަން ސާބިތު ކޮށްދެވިފައެއް ނުވެ އެވެ.
މާރިއާ ޒަޚަރޯފާ ވިދާޅުވީ އެ ހާދިސާއާ ގުޅުވައިގެން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އާކުރަނީ ގުޅިގެން އެކުގައި ތަރައްގީ އަށް މަސައްކަތް ކުރަން ބޭނުން ނުވާތީ ކަމަށެވެ.
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން މިދާ ދުވަހު ރަޝިއާގެ ނުވަ ފަރުދަކަށާއި ދެ މުއައްސަސާއަކަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ޓްރެޒަރީ ޑިޕާޓްމަންޓުން ބުނާ ގޮތުން ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހުނީ އެލެކްސީ ނަވަލްނީއަށް ޒަހަރުލުމުގައި ބައިވެރިވެފައި ވާތީ އެވެ.
ރަޝިއާއިން ޖަރުމަނަށް ގޭސް ފޮނުވަން އަޅާފައި އޮތް ޕައިޕްލައިން – ނޯޑް ސްޓްރީމް 2 ބިނާ ކުރަން ކުރި މަސައްކަތްތަކުގައި ބައިވެރިވެފައިވާ ކަމަށް ބުނެ ރަޝިއާގެ ދެ ކުންފުންޏަކަށް ވެސް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެެވެ.
މާރިއާ ޒަޚަރޯފާ ވިދާޅުވީ މަޝްވަރާ ކޮށްގެން ކަމެއް ކޮޅެއްގައި ޖެއްސޭ ވަރަށް ވުރެ އެމެރިކާގެ ހާލަތު ދަށް ކަމަށާއި ހުރިހާ ކަމެއް ވެސް ކުރުވަން ބޭނުންވަނީ ބޮލުގައި ބަޑިޖައްސައިގެން ކަމަށެވެ.
އަފްޣާންގައި 20 އަހަރު ހޭދަކޮށް ފޭލިވެގެން ފައިބައި އެ ޒިންމާ އަދި ކޮންވެސް ބައެއްގެ ބޮލުގަައި އެމެރިކާއިން އަޅުވާނެ ކަމަށާއި އެމެރިކާއާ ރަޝިއާއާ ދެމެދު ރަނގަޅު އެއްބަސްވުންތައް އެބަހުރި ކަމަށާއި އެކަމަކު ދަނޑު ބޭރުގައި ކުޅެގެން ސްކޯ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.