ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން ނޯންނާނެ ކަމަށް ބުނެ ސަރުކާރާއި ރައީސް ޔާމީންގެ ވާދަވެރިން ދައްކާ ވާހަކަތަކަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަށް ސީދާ ނުފޫޒު ފޯރުވުމަށް ދައްކާ ވާހަކައެއް ކަމަށް އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުުންނެވެ. އެހެން ކަމުން އެމަނިކުފާނަށް ކުރިއަށް އޮތް އިންތިހާބުގަައި ވާދަ ނުކުރެވޭނެ ކަމަށް ވާދަވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ހިންގީ ގާނޫނީ އިމުގެ ބޭރުން ކަމަށް ވިދާޅުވެ އެމަނިކުފާނަށް 2023 ގެ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އިދިކޮޅު ކޯލިޝަނުން ވަނީ 2023 ގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރަައީސް ޔާމީން ކަމަށް ނިންމާ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
ޖަމީލް ވިދާޅުވީ ރަައީސް ޔާމީންގެ ނަން 2023 ގެ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ލިބޭ ވޯޓް ކަރުދާސްކޮޅުގައި އޮންނާނެ ކަަމަށެވެ. އަދި އެމަނިކުފާނުގެ ނަން ވޯޓް ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް ބުނެ ސަރުކާރާއި ރައީސް ޔާމީންގެ ވާދަވެރިން ދައްކަވާ ވާހަކަތަކަކީ ސުޕްރީމް ކޯޓްގައި އޮތް އިސްތިއުނާފު މައްސަލައަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމަށް ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަަމަށެވެ.
"ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ މި ބާވަތުގެ ކޮންމެ އަމަލަކާމެދު އިންތިހާއަށް ކަންބޮޑުވަން. އިންސާފުވެރި ކޮންމެ ޝަރީއަތަކުން ރައީސް ޔާމީން ބަރީއަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޖަމީލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓްގައި އޮތީ ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާ ފެވެ. އިސްތިއުނާފު އަޑުއެހުމަށް ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ނޮވެމްބަރު 2019 ގައި ކްރިިމިނަލް ކޯޓުން ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުން ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުުވުމުންނެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހައި ކޯޓުން ކުރި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ.
ހައިކޯޓުގެ ހުކުމް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން ސެޕްޓެމްބަރު މަހު ބާއްވާ އަޑުއެހުމަކީ އެ ކޯޓުގައި ބާއްވާ އިސްތިއުނާފް ދެވަނަ އަޑުއެހުމެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާއެއްގެ އަޑުއެހުންތައް ވެސް ދަށު ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެއީ ރ. ފުއްގިރި ބަޔަކަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑާކުރުުމުގެ ދައުވާ އެވެ. އަދި ވ. އާރަށް ބަޔަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ވެސް ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ވެސް ދަނީ ހިންގަމުންނެވެ. ނަމަވެސް މިމައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން އެއްބާރުލުން ނުދެއްވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު ރައީސް ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިމި ދައުވާ ކުރަން އޮތީ ފޮނުވާފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އަދިވެސް ހުންނެވީ ގޭބަންދުގަ އެވެ.