ޗައިނާއާމެދު ތާލިބާނުން ދެކެނީ ގާތް އެކުވެރިއެއް ގޮތުގައި ކަމަށާއި އަފްޣާން އާބާދުކުރުމުގައި ޗައިނާއަށް މުހިންމު ދައުރެއް އޮތް ކަމަށް ތާލިބާނުންގެ ތަރުޖަމާން ސުހައިލް ޝަހީމް ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވި ގޮތުން ޗައިނާއަކީ މާސިންގާ އިގްތިސޯދެކެވެ. އިންސާނީ ތަޖުރިބާ ގިނަ އަދި އިގުތިސޯދީ ކޮޅުތައް ވެސް އެހައި ގިނަ ގައުމެކެވެ. އަފްޣާންގެ ބައިވެރިއެއް ގޮތުގައި ޗައިނާ އޮތުމަކީ ވަރަށް ބޮޑަށް އެދެވޭ ކަމެއްް ކަމަށް އޭނާ ވިދާޅުވި އެވެ.
ތާލިބާނުންނަށް ވެސް ދުނިޔެއާ ނުލައި ނޫޅެވޭނެ ކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ އަވަށްޓެރިންގެ އަޅާލުމާއި އިރުޝާދު ބޭނުންވާ ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމަކުން އަފްޣާން ތަފާތު ނުކުރަން އެދޭ ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުން އަފްޣާން ރައްޔިތުންނަށް ތާލިބާނުން އިހާނެތިކޮށް ނުހިތާނެ އެވެ. ބައިނަލްއަގްވާމީ މުޖުތަމައު ބަލައިނުގަންނަ ސިފަތަކުން ތާލިބާނުން ދުރުހެލިވާނެ އެވެ. ޝަހީމް ވިދާޅުވީ ތާލިބާނުންނަށް ދުނިޔެ މަރުހަބާކިޔާ ނަމަ އެދެވޭ ބަދަލުތައް ފެންނާނެ ކަމަށެވެ.
ތާލިބާނުން މިއަދު ތިބީ ހޭވެރިވެފައި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތާލިބާނުންގެ ފަރާތުން ކަނބަލުންނަށް އެއްވެސް ގޯނާއެއް ނުކުރާނެ ކަމަށާއި ތައުލީމް ހާސިލް ކުރުމަށާއި އާމްދަނީ ހޯދަން މަސައްކަތް ކުރަން ފުރުސަތު ފަހިކޮށް ދޭނެ ކަމަށެވެ.
ބައިނަލްއަގްވާމީ މުޖުތަމައަށް އަދި ފަންޑިން އިދާރާތަކަށް ތަރުޖަމާން ގޮވާލެއްވީ އަފްޣާން އާރާސްތު ކުރުމަށް އެހިތެރިވެ ދެއްވުމަށެވެ. އިންވެސްޓްމަންޓްތައް ހުރި ގައުމުތަކުން އަފްޣާންގައި އިންވެސްޓް ކުރުމަށެވެ. އޭނާ ވިދާޅުވީ ތާލިބާނުންގެ އިންވެސްޓްމަންޓްތައް ހިމާޔަތް ކޮށްދޭނެ ކަމަށެވެ.
ދުނިޔޭގެ ގައުމުތަކުން ތާލިބާނުންނަށް ގޮވާލަނީ ދައްކާ ވާހަކަ އަމަލުން ކަށަވަރު ކޮށްދިނުމަށެވެ. އެމެރިކާއާ ހުޅަގުން ވެސް ބުނެފައި އޮތީ ތާލިބާނުން ދައްކާ ވާހަކަތައް އަމަލުން ނުފެންނަހާ ހިނދު ގޮތެއް ނިންމަން ދަތި ކަމަށެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަށްކޮށް ކަނބަލުންނަށް އޯގާތެރި ބައެއް ކަމުގައި ވާނަމަ ގުޅުން ބަދަހި ކުރެވިދާނެ ކަމަށެވެ.