ދްރަޝްތީ ދާމީ އާއި ވިވިއަން ދަސޭނާ ލީޑް ރޯލު ކުޅުނު ސިލްސިލާ "މަދޫބާލާ: އޭކް އިޝްގް އޭކް ޖުނޫން" 2012 ގައި ދައްކަން ފެށުމާއެކު ގިނަ ބަޔަކަށް އެންމެ މަގްބޫލު ޑްރާމާއަށް އެ ސިލްސިލާ ވިއެވެ. ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ދެއްކި މި ސިލްސިލާ އަކީ އެ ދުވަސްވަރު ދެއްކި އެންމެ ކާމިޔާބު އެއް ސިލްސިލާއަށް ވިއެވެ. އަދި ދެ އަހަރު ފަހުން ސިލްސިލާ ނިންމާލުމުން ދެ ވަނަ ސީޒަނަކަށް ފޭނުން ވަރަށް ބޮޑަށް ޑިމާންޑް ވެސް ކުރި އެވެ.
ދްރަޝްތީ އާއި ވިވިއަންގެ އިތުރުން ޕައްލަވީ ޕްރޯހިތު، އާރްތީ ޕޫރީ ފަދަ ތަރިން ބައިވެރިވި މި ސިލްސިލާ ޓީއާރުޕީ ޗާޓުގެ އެންމެ ކުރީގައި ގުނާލެވުނީ ސިލްސިލާ ބެލުމުގެ ޝައުގުވެރިކަން ހުރި މީހުން މިލިއަނުން ގުނާލެވުނީމަ އެވެ. ފޭނުން އެދުނު ގޮތަށް މި ސިލްސިލާގެ ދެ ވަނަ ސީޒަނެއް ފަށަން ކަލާޒް ޗެނަލުން މިހާރު ނިންމާފައިވާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓު ކޮށްފައި ވެއެވެ.
އީޓައިމްސް އިން ބުނެފައިވާ ގޮތުގައި މަދޫބާލާ އާއި ރީޝަބްގެ ރޯލުން އަނެއްކާވެސް ދްރަޝްތީ އާއި ވިވިއަން ފެންނަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ދެ ވަނަ ސީޒަންގެ މަސައްކަތް މި އަހަރު ނިމޭ ހިސާބުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.
މިހާރު ޕްރޮޑިއުސަރުން މަސައްކަތް ކުރަމުން ދަނީ ދްރަޝްތީ އާއި ވިވިއަން ލައްވާ މި ސިލްސިލާ ކުޅެން ސޮއި ކުރުވުމަށެވެ. ދެ މީހުން ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަންކަމަށް ރިއާޔަތްކޮށް ކޮންޓްރެކްޓް ތައްޔާރު ކުރަމުންނެވެ.
މިފަހަރުގެ ސީޒަން ބިނާ ކުރަނީ މުޅިން އާ ވާޙަކަ އަކަށެވެ. އެއްވެސް ވަރަކަށް ކުރީގެ ވާހަކައާ މިފަހަރުގެ ވާހަކައާ ގުޅުމެއް ނޯންނާނެ އެވެ. ހަމައެކަނި އެއްގޮތްވާނީ ސިލްސިލާގައި ލީޑް ރޯލު ކުޅޭ ދެ އެކްޓަރުންނާއި އެމިހުންނަށް ސިލްސިލާގައި ކިޔާ ނަމެވެ.
އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ދައްކަން ފަށަން ރާވަމުންދާ މި ސިލްސިލާގައި ހިމެނޭނީ 25 އެޕިސޯޑުކަމަށް ވެސް ޚަބަރުގައި ބުނެފައި ވެއެވެ.
"މަދޫބާލާ"ގެ ފުރަތަމަ ސީޒަން ކުޅުނު ދުވަސްވަރު ދްރަޝްތީ އާއި ވިވިއަން އެއްގަލަކަށް ނާރާ ކަމުގެ ޚަބަރުތައް އިވެމުން ދިޔަ އެވެ. ވިވިއަންގެ ބޮޑާކަމުން ދްރަޝްތީ ވަރަށް ފޫހިވެގެން އުޅޭކަމަށް އޭރު ޚަބަރުތަކުގައި ބުނެފައި ވެއެވެ. މި ދެ މީހުންގެ މެދުގައި އޮތް ރުޅިވެރިކަން އޭރު ވަރަށް ގިނަ ބަޔަކަށް އޮތީ އެނގިފަ އެވެ. ނަމަވެސް ދްރަޝްތީ އޭގެ ފަހުން ދީފައިވާ އިންޓަވިއު އެއްގައި ވިވިއަން އާއެކު މަސައްކަތްކުރާނެ އެކަށީގެންވާ ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ ގަބޫލުކުރާނެކަމަށް ވަނީ ބުނެފަ އެވެ.
ކުރީގެ މަޝްހޫރު ގިނަ ޝޯތަކެއްގެ ދެ ވަނަ ސީޒަން މިހާރު ފަށައިގެން ކުރިއަށް އެބަ ދެއެވެ. އޭގެ ތެރޭގައި "ސަސުރާލް ސިމަރް ކާ"، "ސާތު ނިބާނާ ސާތިޔާ"، "ބާލިކާ ވަދޫ" ފަދަ ސިލްސިލާތައް ހިމެނެ އެވެ. އަދި މި ސިލްސިލާތަކުގެ ދެ ވަނަ ސީޒަނަށް ވަރަށް ރަނގަޅު ކާމިޔާބެއް ވެސް ދަނީ ލިބެމުންނެވެ.