މެލޭޝިޔާގެ އަވެރީ ޗެން އާއި ސިލްވިއާ ލިމްގެ ވީޑިއޯ ކްލިޕެއް މިހާރު އިންޓަނެޓުގައި ވައިރަލްވެ މި ކުރު ވީޑިއޯ ބެލި ގިނަ ބަޔަކު ތިބީ ހައިރާންވެ ބަސް ހުއްޓިފަ އެވެ. މި ވީޑިއޯ ފެންނަނީ މި ދެ މީހުން ދުނިޔޭގެ ރެކޯޑެއް ގާއިމްކުރާ ތަނެވެ. އެގޮތުން އެންމެ މިނެޓެއް ތެރޭ 56 ކޮސްޓިއުމް ބަދަލު ކޮށްގެން އެމީހުން މި ރެކޯޑް ހަދާފައި ވެއެވެ.
މި ވީޑީއޯ ކްލިޕް ފޭސްބުކްގައި ޝެއާ ކުރަމުން ގިނިސް ވޯލްޑް ރެކޯޑްސް އިން ލިޔެފައިވާ ގޮތުގައި މިއީ އެންމެ މިނިޓް ތެރޭގައި އެންމެ ގިނަ ކޮސްޓިއުމް ބަދަލު ކުރުމުގެ ރެކޯޑް މުގުރާލި ވީޑިއޯ އެވެ. ތިން މިނިޓްގެ މި ވީޑިއޯ ފުޓޭޖުން ފެންނަނީ ސިލްވިއާ އާއި އަވެރީ ބުރުވެސް ނޭނގޭހާ ހަލުވިކޮށް ފަހަރަކު ހެދުމެއް އަޅަމުން ދިޔަ ތަނެވެ. މި ވީޑިއޯ ބެލި މީހުން ބުނަނީ އެމީހުން ވީޑީއޯ ބަލާފައި އަޖައިބު ވެގެން އަންތަރީސް ވެއްޖެ ކަމަށެވެ.
އެންމެ ފަހުގެ ކޮސްޓިއުމް ބަދަލުކުރުމާއެކު ވިދާ ކުނޑިތަކެއް ސިލްވިއާގެ ބޮލަށް އަވޭރި ވިއްސާލަ އެވެ. އެންމެ ފަހުން ލީ ކޮސްޓިއުމަކީ އެ ދެ މީހުން އެޅި ހުރިހާ ހެދުންތަކުގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ ހެދުމަށް ވުމީ ވެސް މި ވީޑީއޯއަށް އިތުރު ފުރިހަމަކަމެއް ލިބުނު ކަމަކަށް ވިއެވެ.
މި ވީޑިއޯ އޮންލައިންގައި ޝެއާ ކުރުމާއެކު ފަސް މިލިއަނަށް ވުރެ ގިނަ ވިއުޒް އިސާހިތަކު ލިބުނެވެ. ވީޑިއޯ ބެލި ގިނަ ބަޔަކު ވަނީ އެމީހުން އެހާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ހެދުންތައް ބަދަލުކޮށްލި ފަރިތަ ކަމުން އެކަމާ މެދު ވެސް ވަރަށް ދިގުކޮށް ބަހުސް ކޮށްފަ އެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގެ ފަރާތުން މި އިވެންޓު މޮނިޓާ ކުރީ ޗާލްސް ވޯޓަން އެވެ. ރެކޯޑް ގާއިމް ކުރުމަށް ހަދާފައިވާ ގަވާއިދުތައް މި ރެކޯޑް ގާއިމް ކުރުމުގައި ފުރިހަމަ ކުރިކަން ޔަގީން ކޮށްފައިވާނެ ކަމަށް ޗާލްސް ބުނެފައި ވެއެވެ.
ބައެއް މީހުން ތުހުމަތުކުރި ގޮތުގައި އެމީހުން ތިބީ ކުރިއްސުރެ ބައެއް ހެދުންތައް އަޅައިގެންނެވެ. ނަމަވެސް ޗާލްސް ބުނީ އެގޮތަށް ކުރިން ހެދުން އަޅައިގެން ތިބިކަމުގެ އެއްވެސް ހެއްކެއް ނުފެންނަ ކަމަށެވެ.