ފްލައިޓެއް ވައި ތެރޭގައި އޮއްވާ އޭގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެނަމަ ގަންނާނެ ބިރު ހީކޮށްލާށެވެ. ކުއާލާލަމްޕޫރުން ފުރައިގެން ދަތުރުކުރި މެލޭޝިޔާގެ މަތިންދާބޯޓަކުން ދަތުރުކުރި ފަސިންޖަރުންނަށް ވެސް ކުރެވުނީ މިފަދަ ތަޖުރިބާ އެކެވެ. މަތިންދާބޯޓުގެ ފޮށިތައް ބަހައްޓާ ކެބިން އާ ދިމާލުން މަތީގައި ހަރުފައެއް އެލިފައި އޮއްވާ ފެނުމުންނެވެ.
އެއާ އޭޝިއާ ފްލައިޓަކުން ހަރުފައެއް ފެނުނުއިރު އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ކުއާލާލަމްޕޫރުން ޓަވާއޫ އަށެވެ. ހަރުފަ ފްލައިޓު ތެރޭގައި އޮއްވާ ނަގާފައިވާ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ޝެއާކޮށްފައި ވަނީ ކޮމާޝަލް ޕައިލެޓް ހަނާ މުހްސިން ޚާން އެވެ. ހަނާ އަކީ އެ ބޯޓުގެ ޕައިލެޓެވެ.
އެއާ އޭޝިއާ ޗީފް ސޭފްޓީ އޮފިސަރު ކެޕްޓަން ލިއޮން ޓިއެން ލިންގް ބުނި ގޮތުގައި މި ކަމެއް ހިނގާފައިވަނީ 2022 ގެ ފެބްރުއަރީ 11 ވީ ބުރާސްފަތި ދުވަހު އެވެ. އަދި މިއީ މަދުން ނަމަވެސް ހިނގާ ކަމެއް ކަމަށާއި އާ ކަމެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.
އަދި ހަރުފަ ފެނުމާއެކު ފްލައިޓް ކުޗިންގް އަށް ޑައިވާޓްކޮށް މީހުން ބޭލުމަށްފަހު ފްލައިޓުން ހަރުފަ ހޯދައި އެ ހިފުމަށް ފަހު އެއާކްރާފްޓަށް ބޭސް ޖަހާފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
އެ ހަރުފަ ބޯޓަށް އެރި ގޮތެއް އަދި ސާފެއް ނުވެ އެވެ. އަދި އެއީ ފަސިންޖަރަކު ސިއްރުން ބޯޓަށް އެރުވި އެއްޗެއްކަން ނުވަތަ ނޫންކަން ވެސް ޔަގީނެއް ނުވެ އެވެ. ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.