ބޮލީވުޑް

"މުގުލޭ އާޒަމް" ކުޅުނުއިރު ދިލިޕާއި މަދޫބާލާ ރުޅި

"މުގުލޭ އާޒަމް" އަކީ މީގެ 61 އަހަރު ކުރިން ރިލީޒްކުރި އަދި މިހާތަނަށް ވެސް އެ ވަރުގެ މޮޅު ފިލްމެއް ބޮލީވުޑުން އުފެއްދިފައި ނުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފިލްމެކެވެ. ފިލްމުގެ ދެ ތަރިން ކަމަށްވާ ދިލިޕް ކުމާރާއި މަދޫބާލާ އަކީ އެ ޒަމާނުގައި އެންމެ މަޝްހޫރު ދެ އެކްޓަރުންނެވެ.

ސަލީމް އާއި އަނާރްކަލީގެ ރޯލު މި ދެ ތަރިން ކުޅެލާފައިވާލެއް ވަރަށް ފުރިހަމަ އެވެ. އަދި ދެ މީހުންގެ ގުޅުމާއި ކެމިސްޓްރީން އެއީ ހަގީގީ ދެ ލޯބިވެރިންހެން ބެލުންތެރިންނަށް ގަބޫލު ކުރެވުނެވެ.

ދިލިޕް ކުމާރުގެ ބައޮގްރަފީ "ދިލިޕް ކުމާރު: ދަ ސަބްސްޓެންސް އެންޑް ޝެޑޯ" ގައި ދިލިޕް ބުނެފައިވާ ގޮތުގައި "މުގްލޭ އާޒަމް" ގެ ތަރިންނަކީ އޭނާ އާއި މަދޫބާލާ ކަން އިއުލާން ކުރުމާއެކު ފިލްމުތަކަށް ލޯބިކުރާ މީހުން އުފަލުން ގޮސް ފޮޅުނެވެ. އެއީ އެމީހުންނަކީ ހަގީގަތުގައި ވެސް ލޯބީގެ ގުޅުމެއް އޮންނަ ދެ މީހުންކަމަށް އެ ދުވަސްވަރު ވަރަށް ބޮޑަށް މަޝްހޫރުވެފައި އޮތުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ދިލިޕް ބުނެފައި ވެއެވެ.

ދިލިޕް ލިޔެފައިވާ ގޮތުގައި މަދޫބާލާ އާއި އޭނާގެ މެދުގައި ލޯބީގެ ހުޅުކޮޅު ދިއްލުނީ 1951 ގައި އެމީހުން އެކުގައި ކުޅުނު "ތަރާނާ" ގެ ސެޓުގަ އެވެ. ނަމަވެސް "މުގްލޭ އާޒަމް" އަށް އުފައްދަން ޖެހުނު ބިޔަ ވަރުގަދަ ރީތި ސެޓުތަކުގެ ސަބަބުން އެ ފިލްމު އުފެއްދުމުގެ މަރުހަލާގައި އެތަކެއް އަހަރު ފާއިތުވެ ދިޔަ އެވެ. އަދި މި ދުވަސްތަކުގެ ތެރޭގައި ދިލިޕް އާއި މަދޫބާލާގެ ލޯބީގެ ގުޅުން ވެސް ހީނަރުވެގެން ދިޔަ އެވެ.

މި ފިލްމުގެ ބައެއް މަންޒަރުތައް ކުޅުނުއިރު އެ ދެ މީހުން އެކަކު އަނެކަކަށް ސަލާން ވެސް ގޮވާ ނުލާ ދަރަޖައަށް ތިބީ ރުޅިވެފައި ކަމަށް ދިލިޕްގެ ބައޮގްރަފީގައި ވެއެވެ. ނަމަވެސް އެމީހުންނަކީ ޕްރޮފެޝަނަލް އެކްޓަރުންނަށް ވާތީ ކެމެރާގެ ކުރިމަތީގައި އެމީހުން ދެ ލޯބިވެރިންގެ ރޯލު ފަސޭހަ ކަމާއެކު ކުޅެވުނީ ކަމަށް ދިލިޕް ބުންޏެވެ.

އިންޑިޔާގެ ސިނަމާގެ ތާރީޚުގައި ވެސް ކުޅެފައިވާ އެންމެ މޮޅު ލޯބީގެ މަންޒަރު ކުޅެފައިވަނީ "މުގްލޭ އާޒަމް" ގައި ދިލިޕް އާއި މަދޫބާލާ އެވެ. ފިލްމު ކުޅޭ މީހުން މިހާރުވެސް ރިފަރެންސަކަށް ބަލަނީ މި މަންޒަރުތަކެވެ. އޭނާ އާއި މަދޫބާލާ ރުޅިވާން ޖެހުނު ސަބަބު ވެސް ދިލިޕްގެ ބައޮގްރަފީގައި ވެއެވެ.

ދިލިޕްގެ ބައޮގްރަފީގައިވާ ގޮތުން މަދޫބާލާގެ ބައްޕަ އާތުއްﷲ ޚާން ބޭނުންވީ ދިލިޕް އާއި މަދޫބާލާގެ ކައިވެންޏަކީ ބިޒިނަސް ޑީލް އަކަށް ހަދާށެވެ. އެކަމާ ދިލިޕް އެއްބަސް ނުވީ އެވެ. އޭރުވެސް މަދޫބާލާގެ ބައްޕަގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އޮތެވެ. އޭނާ ބޭނުންވީ ދިލިޕް އާއި މަދޫބާލާ ކައިވެންޏަށް ފަހު އޭނާ ބުނާހާ ގޮތަކަށް ކަންތައް ކުރަން އެއްބަސް ވާށެވެ.

"އަހަރެން އެ ދެ މީހުންނަށް (މަދޫބާލާ އާއި އޭނާގެ ބައްޕައަށް) އޮޅުން ފިލުވައިދިނިން އަހަރެން މަސައްކަތް ކުރަނީ ވަރަށް ހަމަ ތަކަކާ އުސޫލުތަކެއްގެ މަތިން އަހަރެން ޚިޔާރުކުރާ ޕްރޮޖެކްޓް ތަކެއްގައޭ. އަހަރެންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އޮތަސް މި ނޫން ގޮތަކަށް އަހަރެން ކަންތަކެއް ނުކުރާނަމޭ. އެކަމާ މަދޫބާލާގެ ބައްޕަ ރުޅިއައިސްގެން މަދޫބާލާ އަށް ވެސް ވިސްނައި ދިނީ އަހަރެންނަކީ ވަރަށް ފޮނި ބޮޑާ މީހެއްގެ ގޮތުގަ،" ދިލިޕްގެ ބައޮގްރަފީގައި ވެއެވެ.

ބައްޕަ އެގޮތަށް ވިސްނައިދިނަސް ދިލިޕް އާއި މަދޫބާލާގެ ބައްޕަ އާ ދެމެދު ސުލްހަ ކުރެވޭތޯ މަދޫބާލާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކުރެވޭ ގޮތް ނުވެ އެންމެ ފަހުން ހިތް ހަލާކުވީ މަދޫބާލާގެ އެވެ. ދިލިޕް އާއި މަދޫބާލާ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވީ ނަމަވެސް އެ ލޯބި ކާމިޔާބު ނުވީ މި ސަބަބުތަކާ ހެދި އެވެ.