ބޮލީވުޑް

ފަރްދީން އެނބުރި އަންނަ ފިލްމަކީ "ވިސްފޮޓް"

ދިހަ ވަރަކަށް އަހަރު ފިލްމީ ދުނިޔެއާ ދުރުގައި ހުރުމަށްފަހު ފަރްދީން ޚާން އަލުން ފިލްމު ކުޅެން ފަށަން ތައްޔާރުވެއްޖެ އެވެ. އެންމެ ފަހުން އޭނާ ކުޅެފައިވަނީ 2010ގައި ރިލީޒްކުރި "ދުލްހާ މިލް ގަޔާ" އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި ފަރްދީން އެނބުރި އަންނާނީ ސަންޖޭ ގުޕްތާގެ "ވިސްފޮޓް" އިންނެވެ.

މިއީ ތުރިލާ ފިލްމެއް ކަމަށާއި ފިލްމުގައި ފަރްދީންއާ ދެކޮޅަށް ނުކުންނަނީ ރިތޭޝް ދޭޝްމުކް ކަމަށް ވެސް ޚަބަރުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ރިތޭޝް އާއި ފަރްދީން ވަނީ "ހޭ ބޭބީ"ގައި މަސައްކަތް ކޮށްފަ އެވެ. އަދި މިފަހަރު އަނެއްކާވެސް އެކުގައި ފިލްމެއް ކުޅެން ލިބުމުން ދެ މީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ.

ސަންޖޭ ގުޕްތާ ވެސް ވަނީ ފަރްދީން އެނބުރި އަންނަކަން ޔަގީންކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި ރާވާފައިވާ ގޮތަށް ހުރިހާ ކަމެއް ދާނަމަ މިމަސް ނިމޭ ހިސާބުގައި ފިލްމުގެ ޝޫޓިން ފެށޭވަރު ވާނެ އެވެ.

"ވިސްފޮޓް"އަކީ ވެނެޒުއެލާ ފިލްމެއް ކަމަށްވާ "ރޮކް، ޕޭޕާ، ސިޒާސް"ގެ ރިމޭކް އެކެވެ. ބެސްޓް ފޮރިން ލޭންގްއޭޖް ފިލްމް ކެޓަގަރީން މި ފިލްމު ވަނީ އޮސްކާގައި ވެސް ވާދަކޮށްފަ އެވެ.

"ޕްރޭމް އަގަން" އިން 1988ގައި ބޮލީވުޑަށް ތައާރަފްވީ ފަރްދީން ފިލްމު ނުކުޅެ ހޭދަކުރި 10 ވަރަކަށް އަހަރު ތެރޭގައި ވަރަށް ބޮޑަށް ފަލަވެ ސިފަ ގެއްލިފައި ހުރުމުން އޭނާ މިހާރު ގެންދަނީ ހަށިގަނޑު އަލުން އަނބުރާ އެންމެ ކުރިން ހުރި ސިފައަށް ބަދަލުކުރަން މަސައްކަތް ކުރަމުންނެވެ.

ފަރްދީންގެ ފަހުގެ ފޮޓޯތަކުން އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލު ވަރަށް ރަނގަޅަށް ފެނިފައިވެ އެވެ. އަދި އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި މި ވާހަކަ ވަރަށް ގަދަޔަށް ދައްކާފައިވެ އެވެ.