ބަތަލާ ނަރުގިސް ފަޚުރީ އާއި އުދޭ ޗޯޕްޅާގެ ލޯބީގެ ވާހަކަތައް މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ނޫސްތަކުން ވަރަށް ގިނައިން ފެނިފައި ވެއެވެ. ނަމަވެސް މިއީ ތެދު ވާހަކައެއްކަން އުދޭ ވެސް އަދި ނަރުގިސް ވެސް މީގެ ކުރިން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
"ރޮކްސްޓާ" އާއި "މައި ތޭރާ ހީރޯ" ގެ ބަތަލާ ނަރުގިސް ދާދިފަހުން ވަނީ އުދޭ އާއި އޭނާގެ ލޯބީގެ ގުޅުމާ ބެހޭ ވާހަކަތައް ކިޔައިދީފަ އެވެ. ނަރުގިސް ބުނި ގޮތުގައި އުދޭ އާ ރުޅިވުމަށް ފަހު އޭނާއަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. ފިލްމު ކުޅުމާ ދުރުގައި އެހާ ގިނަ ދުވަހު ހުރީ އެހެންވެ އެވެ.
"ސިއްހީ މައްސަލަތައް ބޮޑުވެގެން ފިލްމު ކުޅުމާ ދުރުވެލީ. ދެން އެނބުރި އަންނަން ތައްޔާރުވިތަނާ ކޮވިޑް-19 އިގެ ވަބާ ދުނިޔެއަށް ކުރިމަތިވުމުން އަނެއްކާ ވެސް މަޑުކޮށްލައިގެން ހުންނަން ޖެހުނީ،" ނަރުގިސް ބުންޏެވެ.
ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ދެ ދަރިންގެ ތެރެއިން ހަގު ދަރި އުދޭ އާ ރައްޓެހި ވެގެން ފަސް އަހަރު ދުވަހު އުޅުނު ކަމަށް ނަރުގިސް ބުންޏެވެ. އަދި އުދޭ އަކީ އިންޑިޔާ އިން އޭނާއާ ބައްދަލުވި އެންމެ ރަނގަޅު އިންސާނާގެ ގޮތުގައި ނަރުގިސް ސިފަ ކުރި އެވެ.
"އަހަރެން ކައިރީ ވަރަށް ގިނަ މީހުން ބުނި މި ވާހަކަ ނުދައްކަން. އެހެންވެ ނޫސްވެރިން ކައިރީ މި ވާހަކަ ނުދައްކާ އޮތީ. ނަމަވެސް އަހަރެމެން މިއަދު އެކަމާ ހިތާމަ ކުރަން. އެހާ ރަނގަޅު އިންސާނަކާ ލޯބީގެ ގޮތުން ގުޅެވުނީތީ އެ ވާހަކަ އަޑުގެ ނެތްތަނަށް ގޮވައި މުޅި ދުނިޔެއަށް އަންގަން އަހަރެން ބޭނުންވި،" ނަރުގިސް ބުންޏެވެ.
ނަރުގިސް ބުނި ގޮތުގައި ސޯޝަލް މީޑިއާ އާއި އިންޓަނެޓަކީ ވަރަށް ބޮޑު ފޭކެކެވެ. އެދެ ތަނުގައި އުޅޭ މީހުން ކޮންމެހެން ހަގީގަތް އެނގޭކަށް ބޭނުމެއް ނުވެ އެވެ.
"އަހަރެމެންނަށް ގިނަ ފަހަރަށް މަގްބޫލު ވެވެނީ ހަގީގަތުގައި އެންމެ ގޯސް މީހުންނާ،" ނަރުގިސް ބުންޏެވެ.
ނަރުގިސް ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މިހާރު އޭނާއާ ގުޅުން އޮތީ ހަމައެކަނި ވަރުން ދަވަން އާއި އިލީނާ ޑިކްރޫޒް އަދި ހުމާ ގުރޭޝީ އާ އެކަންޏެވެ. އަދި އެންމެ މަޖާކޮށް އުޅެވުނީ "މައި ތޭރާ ހީރޯ" ކުޅުނު ދުވަސްވަރު ވަރުން އާއެކު ކަމަށް ވެސް ނަރުގިސް ބުންޏެވެ.
ނަރުގިސް އާ ރުޅިވިފަހުން އުދޭ ފިލްމު ތަކާ ވެސް ވަނީ ދުރުވެފަ އެވެ. އަދި ސިއްހަތަށް ނުބަލާލާ އުޅުމުގެ ސަބަބުން އޭނާ މާ ބޮޑަށް ފަލަވެ ސިފަ ގެއްލިފައިވާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.