ބޮލީވުޑް

މަލިކާ ޝިރާވަތު ނަން ބަދަލުކުރީ ބައްޕަ ދެކެ އައި ރުޅިން

މަލިކާ ޝިރާވަތަކީ ދެހާހުގެ އަހަރުތަކުގައި ބޮލީވުޑް ގިނަ ފިލްމުތަކަކުން ފެނިފައިވާ ބަތަލާ އެކެވެ. "މާޑާ" އިން މަޝްހޫރުކަން ލިބުނު މަލިކާ ފަހުން އެހެން ފިލްމުތަކުން ވެސް ވިދާލި އެވެ. މަލިކާ ދާދިފަހުން ދިން އިންޓަވިއު އެއްގައި އޭނާގެ ނަން ބަދަލު ކުރަން ޖެހުނު ސަބަބު ކިޔައިދިނެވެ. މަލިކާ ބުނި ގޮތުގައި އޭނާ ގެއިން ފިލީ ބަތަލާއަކަށް ވުމާ ބައްޕަ ދެކޮޅު ހެދީމަ އެވެ.

މަލިކާ ފިލްމީ ދުނިޔެއަށް ވަންނަން އޭނާގެ ބައްޕަ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އެހެންވެ ގެއިން ފިލައިގެން ގޮސް ނަން ވެސް ބަދަލުކުރީ އެވެ. މަލިކާގެ އަސްލު ނަމަކީ ރީމާ ލާމްބާ އެވެ. މަލިކާ ޝިރާވަތަކީ އޭނާ އަމިއްލައަށް ފަހުން ކިޔައިގެން އުޅޭ ނަމެކެވެ.

"ފިލްމު ކުޅެން ފަށައިފިއްޔާ އާއިލީ ގުޅުން މުޅިން ކަނޑާލައި ބައްޕަ އަކީ ބައްޕަ ނޫންކަމަށް ހަދާނަމޭ. އެހެންވެ އަހަރެން އަމިއްލައަށް އަހަރެންގެ ނަމުގެ ފަހަތުގައިވާ ބައްޕަގެ ނަން ކަނޑާލައި މަންމަގެ ނަން ބޭނުންކުރީ. އަހަރެންގެ މިހާރުގެ ނަމުގެ ފަހަތުގައިވާ ޝިރާވަތު އަކީ އަހަރެންގެ މަންމަގެ ނަން،" މަލިކާ ބުންޏެވެ.

މަލިކާ ދެން އެންމެ އަވަހަށް ފެންނާނީ ޑިޖިޓަލް ސީރީޒް "ނަގާބު" އިންނެވެ. އޭނާ ބުނި ގޮތުގައި ކޮންމެ ފިލްމެއް ނުވަތަ ސީރީޒް އެއް ވެސް އޭނާއަށް ލިބިފައިވަނީ އޮޑިޝަން ދީގެންނެވެ. އެއްވެސް މަސައްކަތެއް އޮޑިޝަން އަކާ ނުލައި ލިބިފައި ނުވާ ކަމަށާއި ޖެކީ ޗެންވެސް "ދަ މިތު"ގައި އޭނާ ބައިވެރިކުރުމުގެ ކުރިން އޮޑިޝަން ނެގިކަމަށް މަލިކާ ބުންޏެވެ.