ބޮލީވުޑް

ބޮލީވުޑްގެ އާ ލޯބީގެ ޖޯޑަކީ ރަކުލް ޕްރީތު އާއި ޖެކީ ބަގްނާނީ

ބޮލީވުޑް ބަތަލާ ރަކުލް ޕްރީތު ސިންގްގެ 31 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަ ކޮށްފައިވާއިރު އެ ދުވަހު ޖެކީ ވަނީ ވަރަށް ހާއްސަ ކަމެއް ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. އެއީ އޭނާ އާއި އެކްޓަރު-ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ލޯބީގެ ގޮތުން ގުޅިފައިވާ ވާހަކަ އެވެ. ޖެކީ ވެސް ވަނީ އޭނާގެ އޮފިޝަލް އިންޓަގްރާމް އެކައުންޓުން ރަކުލް އަށް ލޯބިން ފުރިފައިވާ އުފަން ދުވަހުގެ ތަހުނިޔާގެ މެސެޖެއް ޝެއާ ކޮށްފަ އެވެ. އަދި އެ ދެ މީހުންނަކީ މިހާރު ލޯބީގެ ޖޯޑެއްކަން ހާމަކޮށްފަ އެވެ.

ބޮލީވުޑްގެ މުޅިން އާ ލޯބީގެ ޖޯޑު އެމީހުންގެ ލޯބި އިއުލާން ކުރުމާ ގުޅިގެން ރަކުލް އާއި ޖެކީގެ ފޭނުން ބުނީ އެމީހުންނަށް މި ވާހަކަ އިވުމުން ލިބުނީ ޝޮކެއް ކަމަށެވެ. ސަބަބަކީ މީގެ ކުރިން މި ލޯބީގެ ކުޑަ ވެސް ނިޝާނެއް ފެނިފައި ނުވާތީ އެވެ. އެއާއެކު ފޭނުން ވަނީ ޖެކީ އާއި ރަކުލް އަށް މަރުހަބާ ކިޔާ އެމީހުންގެ ގުޅުމާ މެދު އުފާކުރާ ކަމަށް ބުނެފަ އެވެ.

ރަކުލް އާއި ޖެކީ އިންސްޓަގްރާމްގައި އެމީހުންގެ ލޯބި ރަސްމީކޮށް އިއުލާންކުރަން ޝެއާ ކުރި ޕޯސްޓުގައި ވަނީ އެއް ފޮޓޮއެކެވެ. އެ ދެ މީހުން އަތާ އަތް ގުޅާލައިގެން އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ފަހަތަށް އެނބުރި ތިބި ފޮޓޮއެކެވެ.

ބަތަލާއިންގެ ތެރެއިން މިހާތަނަށް އެއްވެސް މީހަކާ އަޅުވާ ނުކިޔާ ތަރިންގެ ތެރޭގައި ރަކުލް ހިމެނެ އެވެ.

ފިލްމީ ރޮނގުން ބަލާއިރު ރަކުލްގެ އަތުގައި ވަރަށް ރަނގަޅު ގިނަ ފިލްމުތަކެއް މިވަގުތު އެބަހުއްޓެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަން އާއި އަމީތާބު ބައްޗަން އާއެކު ކުޅޭ "މޭޑޭ" އާއި ޖޯން އެބްރަހަމް އާއި ޖެކްލީން ފެނާންޑިސް ބައިވެރިވާ ޑައިރެކްޓަރު ލަކްޝް ރާޖް އާނަންދްގެ "އެޓޭކް" އަދި އަޖޭ ދޭވްގަން އާއި ސިދާރްތު މަލްހޯތުރާ އާއެކު ކުޅޭ ޑައިރެކްޓަރު އިންދަރު ކުމާރުގެ "ތޭންކް ގޯޑް" ހިމެނެ އެވެ.