އީޕީއޭ

ގާނޫނު ހިލާފަށް ވެލި ނެގުމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ: އީޕީއޭ

ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެކި ބޭނުންތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ފަޅުތަކާއި، ފިނޮޅުތައް އަދި ބައެއް ރަށްތަކުގެ ގޮނޑުދޮށްތަކުން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ގިނަ އަދަދަކަށް ލިބެމުންދާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ (އީޕީއޭ) އިން ބުނެފި އެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހީމު ނައީމު ވިދާޅުވި ގޮތުގައި ޝަކުވާތައް އެންމެ ގިނައިން ލިބެނީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުންނެވެ. އީޕީއޭގެ ހޮޓްލައިނަށް ގުޅައިގެން ވެސް ބައެއް މީހުން ގިނަ އަދަދަކަށް މައްސަލަތައް ރިޕޯޓްކުރަމުންދެ އެވެ. ނަމަވެސް ރިޕޯޓު ކުރާ ގިނަ ފަހަރު ވެލި ނަގަނީ ކޮން ބައެއްކަން ސާފުކޮށް ބުނެދެވިފައި ނުހުންނަކަން ނައީމް ފާހަގަކުރެއްވި އެވެ.

"ގާނޫނާ ހިލާފަށް ވެލި ނަގާ ފަރާތެއް ފާހަގަކުރެވި އެއީ ކޮން ބައެއްކަން އެނގިއްޖެނަމަ، އެ ބަޔަކާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާފައި ހުންނާނީ. ކުރިއަށް އޮތް ތަނުގައި ވެސް އަޅާނަން،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެލި ނެގުމުގެ މައްސަލަތައް ރިޕޯޓްކުރާއިރު ބައެއް ފަހަރު ހުއްދަ ހޯދައިގެން ކުރަމުންދާ މަސައްކަތްތައް ވެސް ރިޕޯޓް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލް ތަކުން ކުރާ މަސައްކަތްތަކާ ގުޅޭ ޝަކުވާތައް ލިބެމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ. އެކަމަކު ގިނަ ފަހަރު ކައުންސިލްތަކުން ކުރާ މަސައްކަތްތައް ހުންނަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.

ނައީމު ވިދާޅުވީ ގާނޫނާ އެއްގޮތަށް ވެލި ނަގަން ހުއްދަދޭއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ގާނޫނާ ހިލާފަށް ވެލި ނަގައި، ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ލޯކަލް ކައުންސިލް ތަކުގެ ހުއްދަ ހޯދައިގެން އާންމު ކޮންމެ މީހަކަށް ވެސް ފަރުދީ އަދި ޒަރޫރީ ބޭނުންތަކަށް ވެލި ނެގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަމަކު މިހާރު ޒަރޫރީ ބޭނުމަކަށް އެއްވެސް ފިނޮޅަކުން ވެއްޔެއް ނުނެގޭނެ. ވެލި ނެގޭނީ މޫދުން. އެގޮތަށް އެ ހުއްދަތައް ވެސް ދޭނީ" ނައީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިމާވެއްޓާ ގުޅުންހުރި ބައެއް ގާނޫނުތަކަކީ ވަރަށް ދުވަސްވީ ގާނޫނޫތަކަކަށް ވާތީ ތިމާވެއްޓާ ގުޅުންހުރި ބައެއް ކަންކަމުގައި ގާނޫނީ މައްސަލަތައް ވެސް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ޒަމާނީ ގާނޫނުތަކެއްގެ މުހިއްމު ކަން ނައީމު ވަނީ ފާހަގަކުރައްވާފަ އެވެ.

ރިސޯޓުތަކަށާއި ސިނާއީ އެހެން މަސައްކަތްތައް ވެސް އީއައިއޭ ރިޕޯޓްތަކަށް ބެލުމަށްފަހު ވެލި ނަގަން ވަކި ހަމަތަކެއްގެ ތެރެއިން އެޗްޕީއޭ އިން ހުއްދަދެ އެވެ. އެގޮތުން ޕަމްޕު ނުވަތަ މެޝިނަރީ ބޭނުން ކޮށްގެން ވެލި ނަގަން ހުއްދަދޭ ދިނުން ވެސް ހިމެނެ އެވެ.

ނައީމު އިތުރަށް ވިދާޅުވީ ގާނޫނާ ހިލާފަށް ވެލި ނަގައި ތިމާވެއްޓަށް ގެއްލުންދޭ މައްސަލަތައް ހުއްޓުވަން އީޕީއޭ އިން އެކަނި ކުރާ މަސައްކަތުން މާބޮޑު ނަތީޖާއެއް ނުލިބޭނެ ކަމަށެވެ. މިފަދަ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިވެ ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓް ކުރުމާއި އެކު މައްސަަލަތައް ހައްލުކުރަން އެއްބާރުލުން ދޭނަމަ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވޭނެ ކަމަށް ނައީމް ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ވެލި ނަގައިގެން އަތުލެވޭ ވަގުތު އެގޮތަށް ނަގައި ވެލި އަނބުރާ އެތަނަކަށް އަޅަން އީޕީއޭ އިން ބައެއް މީހުންނަށް މީގެ ކުރިން އަންގާފައިވެ އެވެ. އަދި ބޮޑެތި އަދަދުތަކުން ބައެއް ފަރާތްތައް ޖޫރިމަނާކޮށްފައިވެސްވެ އެވެ.