ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ސްޓެޓިސްޓިކަލް ކައުންސިލްގެ މެމްބަރުކަމަށް ހުޅުވާލައިފި

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތައް ކުރުމަށް އުފައްދަން ޖެހޭ، ސްޓެޓިސްޓިކަލް ކައުންސިލުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން، ކައުންސިލަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަންމަ މަހުގެ ނުވަވަނަ ދުވަހު ފުރުސަތު ބަންދު ކުރާނެ އެވެ. އަންނަ މަހުގެ 18 އިގެ ކުރިން ސްޓެޓިސްޓިކަލް ކައުންސިލަށް ޕްރައިވެޓް ސެކްޓާ އަދި ސިވިލް ސޮސައިޓީ ތަމްސީލު ކުރާނެ ހަތަރު މެމްބަރެއް އައްޔަން ކުރަން ޖެހޭ ކަމަށް އެ ބިއުރޯއިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

ކައުންސިލަށް އައްޔަންކުރާ މެމްބަރުންގެ ހުންނަން ޖެހޭ ޝަރުތަތަކުގެ ތެރޭގައި މުސްލިމަކަށް ވުމާއި ދިވެއްސަކަށް ވުމާއި ބުއްދި ސަލާމަތުން ހުރުމާއި އުމުރުން 25 އަހަރު ފުރިފައިވުމާއި އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް، ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނުވުން ހިމެނެ އެވެ.

އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮވެ، އެ ނުދައްކާ ހުރި މީހަކަށް ނުވުމާއި ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރާ މީހަކަށް ނުވުމާއި އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުންނަ މީހަކަށް ނުވުމާއި ސިޔާސީ މަގާމެއް ހުރި މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމަކީ ވެސް ޝަރުތެކެވެ. ސަރުކާރު ނުވަތަ އަމިއްލަ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅޭ މީހަކަށް ވެސް ވެގެނެއް ނުވެއެވެ.

ސްޓެޓިސްޓިކްސްގެ ގާނޫނުގައި ވާގޮތުން ސްޓެޓިސްޓިކަލް ކައުންސިލަށް މެންބަރުން އައްޔަން ކުރަން ވާނީ ތަފާސްހިސާބު، އިކޮނޮމިކްސް، ޑެމޮގްރަފީ، ސޯޝަލް ސައިންސް، އެންވަޔަރަމަންޓަލް ސްޓަޑީސް، ޑޭޓާ ސައިންސް އަދި އެކައުންޓިން ފަދަ ރޮނގަކުން ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށް، ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އަދި އެ ބިއުރޯއިން އެކުލަވާލައި އާންމުކުރާ ތަފާސްހިސާބު ބޭނުންކުރާ މީހެކެވެ.