މުހައްމަދު އަސްލަމް

ބޯހިމެނުމުގައި ކޮންމެ މީހަކުވެސް ބައިވެރިވުމަށް އެދިވަޑައިގެންފި

Aug 14, 2022
1

ބޯހިމެނުމުގެ މަސައްކަތަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކޮންމެ މީހަކުވެސް އެކަމުގައި ބައިވެރިވުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފި އެވެ.

ބޯހިމެނުމުގެ މަސައްކަތް ރާވާ ހިންގާ އެންމެ އިސް އިދާރާ އަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އެވެ. އެ އިދާރާއާ ހަވާލުވެވަޑަައިގެން ހުންނަވާ ވަޒީރަކީ ޕްލޭނިން މިނިސްޓަރު އަސްލަމް އެވެ.

ބޯހިމެނުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރު އަސްލަމް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ބޯހިމެނުމަކީ ގައުމީ ތަރައްގީގެ މަޝްރޫއުތައް ރާވާ ހިންގުމަށް ބޭނުންވާ އަސާސީ މައުލޫމާތުތަކެއް ކަމަށެވެ. ގައުމު ކުރިއަށް ގެންދިއުމަށްޓަކައި ރާވާ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އެންމެ ބޮޑަށް އޮންނާނެ މަސައްކަތަކީ ބޯހިމެނުމުގައި ރައްޔިތުން ހިއްސާކުރާ މައުލޫމާތު ކަމުގައި ވިދާޅުވި އެވެ. ރަށްތަކާއި އަތޮޅުތަކާއި ސަރަހައްދުތަކުގެ ތަރައްގީގެ ޕްލޭންތައް ރޭވިގެން ކުރިއަށް ދާނީ ބޯހިމެނުމުގައި ދޭ މައުލޫމާތަށް ބިނާކޮށް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުންވެސް މިފަހަރުގެ ބޯހިމެނުމަކީ 'އަހަރެންގެ ބޯހިމެނުން' ކަމުގައި އެ އަޒުމުގައި އަޅުގަނޑުމެން އެންމެން މިކަމުގައި ބައިވެރިވުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ބޯހިމެނުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިހާރު ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ.

ބޯހިމެނުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓަރުންނާއި އެ މީހުން ތަމްރީންކުރުމަށް 100 ޓްރެއިނާސް ހޯދައި މި އެންމެން ތަމްރީން ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. ބޯހިމެނުމުގެ މަސައްކަތުގައި ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގައި އަތޮޅުތަކުގައި 1،991 މީހުން މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވާނެ އެވެ.

މިއަހަރުގެ ބޯހިމެނުމުގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އަދި އިގްތިސާދީ މަސައްކަތްތައް ހިންގާ ތަންތަނުގެ ބޯހިމެނުން ކުރިއަށް ގެންދާނެ އެވެ. ބޯހިމެނުމާ ގުޅޭ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 13 އިން 25 އަށެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިއަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އިއުލާން ކުރާ ދުވަހަކީ ގައުމީ ތަފާސްހިސާބުތަކުގެ ދުވަހެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.