އިޓާލިއަން ލީގުގެ ފުރަތަމަ މެޗުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
އިންޓަ މިލާނުގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ޖެނޯއާ އާއި ބައްދަލު ކުރި މެޗުން އިންޓަ މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މިއީ އާ ކޯޗު ސިމޯން އިންޒާގީއާއެކު އެ ޓީމުން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ އަހަރު ޓީމަށް ޗެމްޕިއަންކަން ހޯދައި ދިނީ އެންޓޯނިއޯ ކޮންޓޭ އެވެ. ނަމަވެސް ޓީމުގެ ހަރަދުތައް ކުޑަ ކުރުމަށް މުހިންމު ކުޅުންތެރިންތަކެއް ވިއްކާލަން މެނޭޖުމެންޓުން ނިންމުމުން އޭނަ ވަނީ ޓީމުން ވަކިވެފަ އެވެ.
މެޗުގެ ހަވަނަ މިނެޓުގައި އިންޓައިން ލީޑު ނެގީ ހަކަން ޗަލަނޮގްލޫ ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން މިލާން ސްކްރީނާ އެވެ. އޭގެ އިރުކޮޅެއް ފަހުން ޗަލަނޮގްލޫ ވަނީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބާރު ބޯޅައެއް ވައްދާލައިގެން ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން އިންޓާ ކުރީގައި އޮވެގެނެވެ.
ދެވަނަ ހާފުގައި އިންޓާގެ ތިންވަނަ ލަނޑު އާތޫރޯ ވިޑާލް ކާމިޔާބު ކުރީ ކުޑަ އޭރިއާ ކައިރިން ބަރޭލާ ދިން ވަރަށް ރީތި ޕާހަކުންނެވެ. އިންޓާގެ ފަހު ގޯލު، މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ އެޑިން ޒެކޯ އެވެ. މި ގޯލު ޖެހުމަށް އެހީތެރިވީ ތިން ވަނަ ގޯލު ކާމިޔާބު ކުރި ވިޑާލް އެވެ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ވެރޯނާ އާއި ސަސޫލޯ ކުޅުނު މެޗުން ވެރޯނާ ބަލިވީ 3-2 އިންނެވެ. އަދި އެމްޕޯލިއޯ އާއި ލާޒިއޯ ބައްދަލު ކުރި މެޗުން 3-1 އިން ލާޒިއޯ މޮޅުވި އިރު، ޓޮރީނޯގެ މައްޗަށް އެޓެލާންޓާ ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.