ކުޅިވަރު

އުނދަގޫ މޮޅަކާ އެކު އިންޓަ ދެވަނަ އަށް އަރައިފި

އިޓާލިއަން ލީގުގައި ރޭ ފުލުގައި އޮތް ކްރެމޮނީސޭއާ ވާދަކުރި މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބުކޮށް އިންޓަ މިލާން ތާވަލުގެ ދެވަނަ އަށް އަރައިފި އެވެ.

އިންޓަ ދެވަނައިގައި އޮތީ 20 މެޗުން ހަމަކުރި 40 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި އޮތީ 19 މެޗުން 50 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ. 38 ޕޮއިންޓާ އެކު ތިންވަނައިގައި އޮތް އޭސީ މިލާން މިއަދު ނުކުންނާނީ ސަސޮލޫއާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން މިލާނަށް އަލުން ދެވަނަ ލިބޭނެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު 11 ވަނަ މިނެޓުގައި ޖެހީ ކްރެމޮނީސޭގެ ޑޭވިޑް އޮކެރެކޭ އެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން އިންޓަގެ ލަޓާރޯ މާޓީނޭޒް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިންޓަ މޮޅުވި ގޯލު 65 ވަނަ މިނެޓުގައި ޖެހީ ވެސް މާޓީނޭޒް އެވެ. މި ގޯލު ޖެހީ އެޑިން ޒެކޯގެ އެހީގަ އެވެ. މާޓީނޭޒް ވަނީ މިފަހަރުގެ ލީގުގައި މިހާތަނަށް 11 ގޯލު ޖަހައިފަ އެވެ.

ލީގުގެ ފުލުގައި އޮތް ކްރެމޮނީސް އަށް މިފަހަރު އަދި މޮޅެއް ނުލިބެ އެވެ. 19 މެޗުން އެޓީމަށް އަދި ލިބުނީ އަށް ޕޮއިންޓެވެ. މިއީ 05-2004 ވަނަ ސީޒަނުން ފެށިގެން 20 ޓީމަށް އިޓާލިއަން ލީގު ބަދަލުކުރި ފަހުން މޮޅެއް ނުލިބި ޓީމަކުން ބުރެއް ނިންމާލި ދެވަނަ ފަހަރެވެ. މީގެ ކުރިން 16-2015 ވަނަ ސީޒަނުގައި ހެލަސް ވެރޯނާ އަށް ވެސް ފުރަތަމަ ބުރުގައި މޮޅެއް ނުލިބުނެވެ.

ފަހަކަށް އައިސް ފޯމު ރަނގަޅު ކޮށްފައިވާ އިންޓަ މި ހަފްތާ ދެން ކުޅޭނީ އިޓާލިއަން ކަޕްގައި އެޓަލާންޓާއާ ދެކޮޅަށެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެޓަލާންޓާއާ ދެކޮޅަށް ނުކުންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އޭގެ އެއްދުވަސް ފަހު އިޓާލިއަން ކަޕްގައި ކްރެމޮނީސޭ، ރޯމާއާ ވާދަކުރާނެ އެވެ.