ކުޅިވަރު

އިންޓަ މިލާނުން ނަޕޯލީގެ ރެކޯޑަށް ނިމުން ގެނެސްފި

އިޓާލިއަން ލީގުގައި މި ސީޒަނުގައި ބަލިނުވެ އޮތް ނަޕޯލީ އަތުން ރޭ 0-1 އިން އިންޓަ މިލާން މޮޅުވެއްޖެ އެވެ.

ލީގުގެ ފުރަތަމަ 15 މެޗު ނަޕޯލީ ނިންމާލީ ބަލިނުވެ އެވެ. 16 މެޗުގެ ތެރެއިން ނަޕޯލީ 12 މެޗު ކާމިޔާބު ކޮށްފައިވާއިރު އެއްވަރުވީ ދެ މެޗުންނެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި ޖެހިޖެހިގެން ކުޅުނު 11 މެޗުން ވެސް ނަޕޯލީ ވަނީ މޮޅުވެފަ އެވެ.

ބަލިވިޔަސް އެޓީމު އޮތީ އަދި ލީގުގެ އެއްވަނައިގަ އެވެ. 41 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ދެވަނައިގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

ލީގުގެ ތިންވަނައިގަ އޮތީ 34 ޕޮއިންޓް ހޯދާފައިވާ ޔުވެންޓަސް އެވެ. މޮޅާ އެކު އިންޓަ ވަނީ 33 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު 56 ވަނަ މިނެޓުގައި ޖެހީ އެޑިން ޒެކޯ އެވެ. މިއީ ފެޑެރިކޯ ޑިމާކޯ ނަގައިދިން ހުރަހަކުން ބޮލުން ޒެކޯ ޖެހި ލަނޑެކެވެ.

މެޗުގެ ފަހުކޮޅު ނަޕޯލީގެ ޖިއަކޯމޯ ރަސްޕަރޯޑީ ފޮނުވާލި ނުރައްކާތެރި ބޯޅައެއް އިންޓަގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ.

މެޗުން މޮޅުވެގެން ދެވަނައިގައި އޮތް އޭސީ މިލާނާ ނަޕޯލީއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް ބޭއްވުނީހެވެ. އަނެއްކޮޅުން އިންޓަގެ މުހިއްމު މޮޅާ އެކު އެޓީމު މިވަނީ ނަޕޯލީއާ އަށް ޕޮއިންޓް ގާތަށް ޖެހިލާފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ވަނީ ރޭ ރަށުން ބޭރުގައި 2-1 އިން ސެލަނިޓާނާ ބަލިކޮށްފަ އެވެ. މެޗުގައި މިލާނުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯ އާއި ސަންޑްރޯ ޓޮނާލީ އެވެ.