ސެރީ އޭ

ފިއޮރެންޓީނާ ބަލިކޮށް އިންޓާ އެއްވަނައަށް

އިޓާލިއަން ލީގުގައި ރޭ އިންޓާ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުން މޮޅުވެ އިންޓާ މިލާން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗުން އިންޓާ މޮޅުވީ 3-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ފިއޮރެންޓީނާ ޓީމުންނެވެ. ފިއޮރެންޓީނާއަށް މި ގޯލު ކާމިޔާބު ކޮށްދިނީ ރިކާޑޯ ސޮއްޓިލް އެވެ.

ފިއޮރެންޓީނާގެ ގޯލުގެ ކުރިން ވެސް އެޓީމުން ވަނީ މޮޅު ކުޅުމަކާއި އެކު ނުރައްކާތެރި ހަމަލާ ތަކެއް އިންޓާގެ ގޯލަށް ފޮނުވާލާފަ އެވެ. އެގޮތުން ގޮންޒަލޭޒް ފޮނުވާލި ބޯޅާ އިންޓާގެ ކީޕަރު ހެންޑެނޯވިޗް މަތަކުރި އިރު، ބިރާގީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ގޮންޒަލޭޒް އަށް މި މެޗުގައި ވަނީ ރަތް ކާޑު ދައްކާފަ އެވެ. މީގެ އިތުރުން ވްލަހޯވިޗް ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް ހެންޑެނޯވިޗް ވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފަ އެވެ.

އިންޓާއަށް ކުޅުމުގެ ތެރެއަށް ރަނގަޅަށް ވަދެވުނީ ފިއޮރެންޓީނާއިން ފުރަތަމަ ހާފުގައި ގޯލު ޖެހި ފަހުންނެވެ. ދެވަނަ ހާފުގައި އިންޓާއިން ވަނި ކުޅުން ރަނގަޅުކޮށް ދެ ގޯލު ޖަހާފަ އެވެ. އިންޓާގެ ފުރަތަމަ ގޯލަކީ އޭރިއާގެ އަރިމަތިން މަޓެއޯ ޑާމިއަން ކާމިޔާބު ކޮށްދިން ގޯލެކެވެ. އޭގެ ދެ މިނެޓު ފަހުް މެޗުގެ 55 ވަނަ މިނެޓުގައި އިންޓާއަށް ލީޑު ނަގައިދިނީ ބަރޭލާ ނަގައިދިން ކޯނަރަކުން އެޑިން ޒެކޯ އެވެ. މެޗު ނިމެނިކޮށް އިންޓާއަށް ލީޑު ފުޅާކޮށްދިނީ އިވާން ޕެރިސިޗް އެވެ.

މި ނަތީޖާ އާއި އެކު އިންޓާ ތާވަލުގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓު ލިބިގެންނެވެ. ދެވަނައިގައި 12 ޕޮއިންޓާއި އެކު ނަޕޯލީ އޮތް އިރު، އޭސީ މިލާން ތިން ވަނައިގައި އޮތީ 10 ޕޮއިންޓު ލިބިގެންނެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ބޮލޮގްނާ އާއި ޖެނޯއާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އަދި ސަސުއޯލޯގެ މައްޗަށް އެޓްލާންޓާ ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.