އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފި އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެންބަރުންނާއި ލީޑަޝިޕްގައި ހިމެނި ވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި ނަޝީދަށް ތާއީދު ކުރައްވާ ބައެއް ކެންޑިޑޭޓުން ގެންދަވަނީ ސޯޝަލް މީޑިއާގެ ބައެއް ފޯރަމު ތަކުގައި އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދެމެދު އޮތް ސިޔާސީ ގުޅުން ކެނޑިފައިވާތީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ވެސް ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އެހެންވެ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ވަނީ އިންތިހާބުގެ ފޯރި ގަދަވެފަ އެވެ.
ނުފޫޒުގެ ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ އެއްވެސް އިދާރާ އަކުން އަދި އެއްވެސް ކުންފުންޏަކުން ވެސް ވަކި ބޭފުޅަކަށް ވަކި ގޮތެއް ހަދައިދިނުމަށް ރައީސް ސޯލިހް އަންގަވާފައި ނުވާ ކަމަށެވެ.
"އެމްޑީޕީގެ ތެރޭގައި ކަންކަން ކުރުމުގައި ހިޔާލު ތަފާތުވުން އޮންނާނެ ކަމާއި އެއީ މައްސަަލައެއް ނޫން ކަމަށް ރައީސް ގަބޫލު ކުރައްވާ. ރައީސް އެދިވަޑައިގަންނަވަނީ ޕާޓީގެ ހުރިހާ މެންބަރުން ވެސް ގުޅިގެން މަސައްކަތް ކުރެއްވުމަށް،" މަބްރޫކް ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެންބަރުން ގުޅިގެން ކުރާ މަސައްކަތަކުން ނޫނީ ޕާޓީއަށް ކުރިއެރުމާއި ކާމިޔާބު ނުލިބޭނެ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ މަނިކުފާނާ ހިޔާލު ތަފާތުވި ނަމަވެސް އެމްޑީޕީގެ ވަކި މެންބަރަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާ ކަމަށެވެ.
އެމްޑީޕީގެ ދާއިރާތަކަށް ވާދަ ކުރައްވާ ރައީސް ސޯލިހްގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާ ޕާޓީގެ ބައެއް މެންބަރުންނަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީ، ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް އެފަދަ މީހުންނަށް ދޭނެ ކަމަށް ބުނެ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބާއްވާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އިންތިހާބު ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ.