މަސްތުވާތަކެތި

16 ކިލޯ ޑުރަގް އެތެރެ ކުރަން އުޅެފި

އަނެއްކާވެސް ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނި އަތުލައި އޭނާ ހައްޔަރު ކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ބްރެޒިލުން ރާއްޖެ އައި އުމުރުން 29 އަހަރުގެ އަންހެނެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުވެ އޭނާގެ ފޮށި ކަސްޓަމުން ބަލައި ފާސް ކުރިއިރު، ފޮށީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުވާ ތަކެތި ފެނުނު ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމުން އެ ތަކެތި ޓެސްޓްކުރި އިރު ކޮކެއިނަށް ޕޮޒިޓިވްވި ކަމަށާއި ބްރެޒިލްގެ އެ މީހާގެ އަތުން އަތުލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯ ގްރާމް ހަމަވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މި މައްސަލާގައި އެ އަންހެން މީހާ އާއި މަސްތުވާތަކެތި ވަނީ ފުލުހާ ހަވާލު ކޮށްފަ އެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ރާއްޖެއައި ބްރެޒިލް އަންހެނެއްގެ އަތުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. އެފަހަރު ތިން ކިލޯއަށް ވުރެ ގިނަ ކޮކެއިން އެތެރެ ކުރި އެވެ. އޭގެ އަގު 15 މިލިއަން ރުފިޔާ އަށް އަރަ އެވެ.