ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރަން ގޮވާލައި 1800 މީހަކު ސޮއި ކޮށްފައިވާ ޕެޓިޝަނެއް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކޮށްފި އެވެ.
މި ޕެޓިޝަން މޭޔަރާ ހަވާލުކުރީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރައްޔިތުންގެ ހިޔާލު ހޯދަން ރޭ ހުޅުމާލޭގެ ރެހެންދި ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު މީހަކު އަވަސް އަށް މައުލޫމާތު ދެމުން ބުނީ ޕެޓިޝަނެއް ހަދަން ޖެހުނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެޗްޑީސީއަށް ހުޅުމާލޭގައި އެކަށީގެންވާ ގޮތަކަށް ހިދުމަތް ނުދެވޭތީ ކަމަށެވެ.
"ފްލެޓްތަކުގެ މެއިންޓަނަންސް މަސައްކަތްތައް ވެސް އެޗްޑީސީ އަށް ރަނގަޅަށް ނުކުރެވޭ. މަގުތައް ވެސް ގަވައިދުން ސާފެއް ނުކުރެވޭ. އެހެންވެ މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ބަޔަކާ ހަވާލު ކުރަން ބޭނުންވާތީ މިފަދަ ޕެޓިޝަނެއް ހެދީ،" މައުލޫމާތު ދިން އެ މީހާ ބުނެފައިވެ އެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރަން މަޝްވަރާ ކުރެވުނު ނަމަވެސް އެކަން ލަސްވާތީ ރައްޔިތުންގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާ ކަމަށެވެ.
އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަަށަަށް ބަދަލު ކުރުމަކީ މި ސަރުކާރުން ވެސް ބޭނުންވާ ގޮތެވެ. ނަމަވެސް އެކަން ލަސްވާ މައްސަލާގައި އެޗްޑީސީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހާއެކު މިހާތަނަށް ބޭއްވި ހަމައެކަނި ބައްދަލުވުމުގައި ވެސް މުއިއްޒު ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކޮށްދޭން އެދިވަޑައިގެންފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ވަނީ އެކަން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ވެސް ހުރީ އެހެން ކަމަށް. އެހެންވީމާ ހުޅުމާލޭގެ މުނިސިޕަލްގެ ހިދުމަތް އަޅުގަނޑު އެދުނު ގޮތަށް އަޅުގަނޑުމެންގެ ދަށަށް ބަދަލުކުރުމުގެ ކަންކަން ފައްޓަވައިދެއްވާނެ ކަމަށް،" ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށް ފަހު މޭޔަރު ވިދާޅުވެފައި ވެއެވެ.