ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މަރުވާ މީހުން ފެނުން ހިނަވަން ފަށައިފި

ކޮވިޑް-19 ބަލީގައި މަރުވާ މީހުން ތަޔަންމަމުކޮށްގެން ހިނަވަމުން އައި އުސޫލު މިއަދު ބަދަލުކޮށްފި އެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުން މިއަދާ ހަމައަށް ހިނަވަމުން އައީ ތަޔަންމަމު ކޮށްގެންނެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް ކޮވިޑްގައި މަރުވާ މީހުންވެސް ފެން ބޭނުންކޮށްގެން ހިނަވަން ވަނީ ފަށާފައެވެ.

ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ކޮވިޑް-19 ބަލީގައި މަރުވާ މީހުން ތަޔަންމަމުކޮށްގެން ހިނަވަމުން އައި އުސޫލު މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އުސޫލު ބަދަލުކުރިއިރު އެކަމަށް ޖަމާއަތްތެރިން ތަމްރީން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ބަލީގައި މަރުވާ މީހުން ތަޔަންމަމުކޮށްގެން ހިނަވަމުން އައި އުސޫލު މިއަދު ބަދަލުކުރުމާއެކު މިއަދު މަރުވި މީހާ ހިނަވާފައިވަނީ ފެނުންނެވެ. ކޮވިޑްގައި މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައި އުމުރުން 75 އަހަރުގެ އަންހެނެކެވެ.

އުސޫލަށް ބަދަލު ގެނައި ނަމަވެސް ކޮވިޑްގައި މަރުވާ މީހުން ހިނެވުމާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ ހުޅުމާލެ ސަހަރާގައެވެ. އަދި އާއިލީ މީހުންނަށް މޫނު ދެއްކުން ކުރިއަށް ގެންދާނީ ކުރިއެކޭވެސް އެއްގޮތަށް ދުރުގައި ތިބެން އެކަން ކުރިއަށް ގެންދާ ގޮތަށެވެ.

ކޮވިޑްގައި ރާއްޖެއިން 223 މީހަކު ވަނީ މަރުވެފައެވެ. މިއަދު މީހަކު ވަނީ އެ ބަލީގައި މީހަކު މަރުނުވާތާ 18 ދުވަސް ފަހުންނެވެ.