ލައިފްސްޓައިލް

މެސީގެ އަފްޣާން ފޭންގެ ދިިރިއުޅުން ނުރައްކާވެފައި

އަފްޣާނިސްތާނުގެ ފަސް އަހަރުގެ ކުއްޖެއް ކަމަށްވާ މުރުތަޒާ އަހުމަދީގެ ފޮޓޯއެއް 2016 ގައި ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އަދި ފުޓުބޯޅައަށް ލޯބިކުރާ ޚާއްސަކޮށް މެސީގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔެއްގެ ހިތް މި ކުއްޖާއަށް ދެވުނެވެ. މި ކުއްޖާގެ ފޮޓޯއަކަށް މިހާ ބޮޑު ސަމާލުކަމެއް ލިބުނީ އެ ކުއްޖާ އެ ފޮޓޯގައި ހުރީ ޕްލާސްޓިކް ކޮތަޅަކުން ތައްޔާރު ކޮށްފައިވާ މެސީ ޖަހާފައިވާ ޓީޝާޓެއް ލައިގެން ކަމަށް ވާތީ އެވެ.

އެހާ ކުޑައިރުވެސް މުރުތަޒާއަކީ މެސީގެ ފޭނެކެވެ. އަދި މެސީ އާ ބައްދަލު ކުރުމުގެ އުންމީދު އޭނާގެ ހިތުގައި އޮތެވެ. އަދި އޭނާގެ އެ އުންމީދު ހަގީގަތަކަށް ވެސް ވިއެވެ. ނަމަވެސް މެސީ އާ ބައްދަލު ކުރުން ވެގެން ދިޔައީ މި ކުޑަ ކުއްޖާގެ ފުރާނައަށް ނުރައްކާ ވާވަރުގެ ބޮޑު ކަމަކަށެވެ.

މެސީ ޖަހާފައިވާ ޕްލާސްޓިކް ކޮތަޅެއް ލައިގެން ކުޑަ ކޮއްކޮ ފުޓުބޯޅަ ކުޅެން ހުއްޓާ ނެގި ފޮޓޮއެއް ފޭސްބުކްގައި ޝެއާ ކޮށްލިއިރު މުރުތަޒާގެ ބޭބެއަށް މީގެ ނަތީޖާ ވަރަށް ގޯސް ވެދާނެ ކަމަކަށް ޚިޔާލަކަށް ވެސް ނައެވެ. އާޖެންޓީނާގެ ދިދައަކާ ވައްތަރު މި ކޮތަޅުގައި މެސީގެ ނަން ވެސް ޖަހާފައި ވެއެވެ.

މި ފޮޓޯ އިސާހިތަކު ވައިރަލްވެ ބާސެލޯނާ ޓީމަށް ކުޅޭ އާޖެންޓީނާގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މެސީއަށް ވެސް މި ފޮޓޯ ފެނުނެވެ. އަދި އޭނާގެ މި ކުޑަ އަފްޣާން ފޭން އަށް ޔުނިސެފް މެދުވެރިކޮށް ހަދިޔާއެއް ފޮނުވަން މެސީ ނިންމި އެވެ.

މެސީ ފޮނުވި ހަދިޔާ އެ ކުއްޖާއަށް ލިބުނެވެ. އޭގައި އޮތީ އާޖެންޓީނާ ކިޓް އަކާއި ފުޓުބޯޅަ އެކެވެ. ހުރިހާ އެއްޗެއްގައި ވެސް ހުރީ މެސީ ސޮއިކޮށްފަ އެވެ. ފަސް އަހަރުގެ މި ކުއްޖާއަށް މިކަންވީ ހުވަފެނެއް ފަދަ ކަމަކަށެވެ. ނަމަވެސް ދާދި އަވަހަށް އެ ރީތި ހުވަފެން ބިރުވެރި ހުވަފެނަކަށް ބަދަލުވެދާނެކަމަށް އޭނާ ހިއެއް ނުކުރެ އެވެ.

"އަހަރެން ބޭނުން މެސީ ކައިރިއަށް ދާން. އަހަރެން ބޭނުން މެސީ އާ ބައްދަލު ކުރަން،" ބައިނަލްއަގުވާމީ ނޫހަކަށް އެ ދުވަސްވަރު ކުއްޖާ ބުނިކަމަށް ވެއެވެ.

މުރުތަޒާގެ މި ހުވަފެން ވެސް ހަގީގަތަކަށް ވިއެވެ. ގަތަރުގައި 2016 ވަނަ އަހަރު ނިމެން އުޅެނިކޮށް ބާސެލޯނާއިން ކުޅުނު އެކުވެރިކަމުގެ މެޗަކަށް މުރުތަޒާއަށް ދައުވަތުދީގެން ގެންދިޔަ އެވެ. ޚާއްސަ ޝަރަފުވެރި މެހެމާނެއްގެ ގޮތުގަ އެވެ.

މެސީގެ މެސްކޮޓްގެ ގޮތުގައި ޓަނަލް އިން އޭނާ މެސީ އާ ބައްދަލު ކުރި އެވެ. އަދި މެސީގެ އަތުގައި ހިފި ގޮތަށް ދޫވެސް ނުކޮށް ހުއްޓާ އެންމެ ފަހުން މެޗު ފަށަން ވެގެން މެސީ ގަދަ ކަމުން އޭނާ ބައްޕަ ކައިރިއަށް ފޮނުވާލީ އެވެ. ހަގީގަތުގައި އޭރުވެސް މުރުތަޒާ ބޭނުންވީ މެސީ އޭނާއަށް އެހީތެރިވެ ދިނުމަށް ކަމަށް ބެލެވެ އެވެ.

މެސީގެ ފަރާތުން މުރުތަޒާއަށް ލިބުނު ހަދިޔާއަށް ފަހު އަފްޣާނިސްތާނުގައި އެމީހުންނާ މައްސަލަތައް ކުރިމަތިވާން ފެށި އެވެ.

މެސީގެ ހަދިޔާ ބޮޑު މައްސަލައަކަށްވީ އެ ހަދިޔާގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށް އަފްޣާންގެ ގިނަ ބަޔަކަށް ގަބޫލު ކުރެވިގެނެވެ. އެހިސާބުން މުޅި އާއިލާ ހިފާ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ތާލިބާނުން ދިނެވެ.

ބައިނަލްއަގުވާމީ ނޫހަކާ ވާހަކަ ދައްކަމުން މުރުތަޒާގެ މަންމަ ޝަފީގާ އަހުމަދީ ބުނީ ތާލިބާނުން ރޭގަނޑު އަށެއް ޖެހިއިރު އެމީހުންގެ ގެޔަށް އައިއިރު އެމީހުން ފިލައިގެން ޖަގޫރީ ކިޔާ އަވަށަކަށް ގޮސްފި ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ތާލިބާނުން އަހަރެމެންގެ ދަރިފުޅު ގެންދާނެކަން. އޭގެ ކުރިން ވެސް އެމީހުން ބުނެފަ އޮތީ މުރުތަޒާ ކީއްވެހޭ ކީރިތި ޤުރްއާން ހިފައިގެން ހުރެ ފޮޓޯ ނުނަގައި މެސީ ޖެހި ޖާޒީއެއް ލައިގެން ފޮޓޯ ނެގީ،" މުރުތަޒާގެ މަންމަ ބުންޏެވެ.

މުރުތަޒާ އަށް ލިބެމުންދިޔަ ދުނިޔޭގެ ސަމާލުކަމާއި މަގްބޫލު ކަމަކީ ތާލިބާނުން ރުހޭ ކަމަކަށް ނުވި އެވެ. އެހެންވެ އެ އާއިލާއަށް ތަފާތު ގޮތްގޮތަށް އިންޒާރުތައް ދޭން ފެށި އެވެ. އެކަމާ ބިރުން މުރުތަޒާ ސްކޫލަށް ދިއުން ހުއްޓާލި އެވެ. އަދި ގެއިން ބޭރަށް ކުޅެލަން ވެސް ނުނިކުމެ ހުންނަން ޖެހުނެވެ.

ސޮކާ ސްޓޯރީޒް އާ ވާހަކަ ދައްކަމުން މުރުތަޒާ ބުނެފައިވަނީ ސްކޫލަށް ނުދެވޭތީ ދެރަވާ ކަމަށެވެ. ނަމަވެސް ސްކޫލަށް ދާން ބޭނުން ވިޔަސް އޭނާއަށް ބަޔަކު ފާރަލާހެން ހީވާތީ ސްކޫލަށް ދާން ނުކެރޭ ކަމަށް މުރުތަޒާ ބުންޏެވެ.

މުރުތަޒާއަށް މިފަދަ އުނދަގޫތަކެއް މެދުވެރިވީ ސަބަބު އޭނާގެ ބައްޕައަށް އަންދާޒާ ކޮށްލެވެ އެވެ. އޭނާ ބުނި ގޮތުގައި މެސީގެ ހަދިޔާ ފޮށިތައް ފެނިފައި ފުރަތަމަ އޭނާވެސް ހީކުރީ އެއް ފޮށީގައި ހުންނާނީ މުރުތަޒާއަށް ފޮނުވި ކުޅޭ އެއްޗެތި ކަމަށެވެ. އަދި އަނެއް ފޮށި ފުރެންދެން ހުންނާނީ ޑޮލަރު ކަމަށެވެ. ނަމަވެސް ބޯޅަ އަކާއި ޓީޝާޓެއް ފިޔައި އިތުރު އެއްޗެއް އެ ދެ ފޮށީގައި ނެތް ކަމަށް މުރުތަޒާގެ ބައްޕަ ބުނެފައި ވެއެވެ.

އަފްޣާނިސްތާނުގެ އިގްތިސޯދު ބިނާވެފައި ވަނީ ބޭރުގެ އެހީއަށެވެ. އެހެންވެ އެ ރަށުގެ މީހަކު ބޭރު ގައުމެއްގެ މީހަކާ ގުޅުމެއް ބާއްވާކަން އެނގިއްޖެނަމަ އެ މީހެއްގެ ފަރާތުން އިގްތިސޯދަށް އެހީތެރިކަމެއް ލިބޭނެކަމަށް ހީވެ އެވެ. ނަމަވެސް މުރުތަޒާ އަކަށް މިފަދަ އެއްވެސް ފައިސާގެ އެހީއެއް ހަގީގަތުގައި ވެސް ނުލިބެ އެވެ.

އެންމެ ފަހުން މުރުތަޒާގެ ފުރާނައަށް ނުރައްކާވާ ވަރުގެ އިންޒާރުތައް ގިނަވެ އާއިލާގެ އެންމެން ޕާކިސްތާނަށް ހިޖުރަ ކުރި އެވެ. އެ ގައުމުގެ ހިމާޔަތަށް އެދުނެވެ.

މުރުތަޒާގެ ބައްޕަ ބުނީ ސްޕޭން އެމްބަސީން އެމީހުންނަށް ވިސާ ދޭން އެއްބަސްވި ކަމަށެވެ. އަދި ބާސެލޯނާގެ ފުޓުބޯޅަ ކްލަބް އާ ސީދާ ގުޅަން ވެސް އެމީހުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެއްވެސް ކަމެއް ފުރިހަމަ ނުވެ އަދި ޕާކިސްތާނުގެ ހިމާޔާތް ވެސް ނުލިބި އެ އާއިލާ އަނބުރާ އަފްޣާނިސްތާނަށް ދާން މަޖްބޫރުވީ އެވެ.

މުރުތަޒާ ވަނީ ސީދާ މެސީ އާ ފޯނުން ވާހަކަ ދައްކާފަ އެވެ. މުރުތަޒާ މެސީ ކިބައިން އެދުނީ އޭނާ ކައިރިއަށް މުރުތަޒާ ގެންދިއުމަށެވެ. ނަމަވެސް ދެ މީހުނަށް އެކަކު އަނެކަކުގެ ބަސް ރަނގަޅަށް ނޭނގޭތީ އެރި އޮޅުމަކުން މުރުތަޒާ ދެއްކި ވާހަކަ މެސީއަށް ފަހުމެއް ނުވި އެވެ. އެކަމާ މުރުތަޒާގެ ބައްޕަ ވަރަށް މާޔޫސްވި އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މެސީ ބޭނުންނަމަ މުރުތަޒާއަށް އެހީ ވެވުނީހެވެ.

ސީރިޔާގެ ރެފިއުޖީ ކުއްޖަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގިނަ އަދަދެއްގެ ފައިސާ ދިނުމުން އެ ކުއްޖާއަށް ވަރަށް ފަސޭހައިން އެހެން ގައުމަކުން ހިމާޔަތް ލިބުނެވެ. މި ވާހަކަ އަޑުއިވިފައި އޮތީމަ މުރުތަޒާގެ ބައްޕަ ހީކުރީ މެސީ ވެސް އެގޮތަށް މުރުތަޒާއަށް އެހީވާނެ ކަމަށެވެ. އަދި އެ އުންމީދުގައި މެސީ ގަތަރުގައި ހުއްޓާ އެ ގައުމަށް ގޮސް ވެސް މެސީ އާ ބައްދަލު ކުރި އެވެ. ނަމަވެސް މެސީ އެއް މުރުތަޒާއަކަށް ފައިސާގެ އެހީއެއް ނުދިނެވެ. އެހެންވެ އެހެން ގައުމަކުން ހިމާޔަތް ހޯދުމުގެ ފުރުސަތު ވެސް މުރުތަޒާ އަކަށް ނުލިބުނެވެ.

މުރުތަޒާ އަށް އަމިއްލަ ރަށުގައި އުޅެން ޖެހުނުލެއް ބިރުވެރިކަމުން ކާބުލްގައި ދިރިއުޅޭ ބޮޑުބޭބެ އެއް ކައިރިއަށް އޭނާގެ ބައްޕަ އޭނާ ފޮނުވާލި އެވެ. ނަމަވެސް މިހާރު އެ ރަށުގައި ވެސް މުރުތަޒާއަކަށް ހިމާޔާތެއް ނެތެވެ. ތާލިބާނުން ކާބުލް ހިފާފައިވާތީ އެވެ.