އިންޑިޔާގެ އެކި ޗެނަލްތަކުން ދައްކާ ޝޯތަކުގެ މަގްބޫލުކަން ވަޒަން ކުރަނީ "ދަ ބްރޯޑްކާސްޓް އޯޑިއަންސް ރިސާޗް ޗެނަލް" (ބާކް) އިންނެވެ. ކޮންމެ ހަފުތާއަކު ވެސް އެންމެ ގިނަ ބަޔަކު ބެލި ޝޯތަކުގެ ލިސްޓެއް ބާކުން ހާމަ ކުރެ އެވެ. އެގޮތުން އެންމެ ފަހުން ހާމަކުރި ލިސްޓުގެ ކުރީގައި އޮތީ ރުޕާލީ ގަންގޫލީ ބަތަލާގެ ރޯލު ކުޅޭ "އަނޫޕަމާ" އެވެ.
ޓެލެވިޒަން ރޭޓިން ޕޮއިންޓް (ޓީއާރުޕީ) ޗާޓުގެ އެއް ވަނަ "އަނޫޕަމާ" އަށް ލިބުނީ ހަތަރު މިލިއަން ވިއުޒް އެ ސިލްސިލާއަށް ލިބިފައި ވާތީ އެވެ. ރުޕާލީގެ އިތުރުން ސުދަންޝޫ ޕާންޑޭ އާއި މަޑަލްސާ ޝަރުމާ މުހިއްމު ރޯލުތައް އަދާކުރާ "އަނޫޕަމާ" އަކީ ޖުލައި 2020 އިން ފެށިގެން ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ޝޯ އެކެވެ.
ޓީއާރުޕީ ޗާޓުގެ ދެ ވަނައިގައި މިދިޔަ ހަފުތާގައި އޮތީ "ގުމް ހެ ކިސީކޭ ޕިޔާރް މޭ" އެވެ. ނީލް ބަޓް އާއި އައިޝްވަރިޔާ ޝަރުމާ އަދި އައިޝާ ސިންގް ލީޑް ރޯލުތައް ކުޅޭ މި ސިލްސިލާ އަށް 3.4 މިލިއަން ވިއުޒް ލިބިފައި ވެއެވެ.
ތިން ވަނަ ލިބުނީ ސޮނީގެ މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް 12"ގެ ގްރޭންޑް ފިނާލޭ އަށެވެ. ޕަވަންދީޕް ރާޖަން އެއްވަނަ ހޯދައގެން ޓްރޮފީ އުފުލާލި އެޕިސޯޑަށް ތިން މިލިއަނެއްހާ ވިއުޒް ލިބުނެވެ.
މި ޗާޓުގެ ހަތަރުވަނަ ލިބުނީ ސްޓާ ޕްލަސްގެ "އިމްލީ" އަށެވެ. ކުރީ ހަފުތާގައި "އިމްލީ" އޮތީ ތިން ވަނައިގަ އެވެ. ނަމަވެސް މި ހަފުތާގައި "އިންޑިއަން އައިޑަލް 12"ވަނީ "އިމްލީ"ގެ މަގާމު އަތުލާ އެ ސިލްސިލާ ހަތަރު ވަނަ އަށް ވައްޓާލާފަ އެވެ. ސުމްބުލް ތައުގީރު، މަޔޫރީ ދޭޝްމުކް އަދި ގަޝްމީރު މަހަޖާނީގެ "އިމްލީ"އަށް 2.7 މިލިއަން ވިއުޒް ލިބިފައި ވެއެވެ.
ފަސް ވަނައިގައި ދެ ޝޯއެއް އެބައޮތެވެ. އެއީ 2.6 މިލިއަން ވިއުޒް ލިބުނު ކަލާޒްގެ ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ 11" އާއި "ޔޭ ހޭ ޗާހަތޭން" އެވެ. "ޚަތުރޯން ކޭ ކިލާޅީ"ގެ މިފަހަރުގެ ސީޒަންގައި އަރްޖުން ބިޖިލާނީ، ޝްވޭތާ ތިވާރީ، ދިވްޔަންކާ ޓްރިޕާތީ ފަދަ މަޝްހޫރު ޓީވީ އެކްޓަރުން ބައިވެރިވެ އެވެ. އަނެއްކޮޅުން "ޔޭ ހޭ ޗާހަތޭ"ގައި ލީޑް ރޯލްތައް ކުޅެނީ ސަރްގުން ކޯރް ލުތުރާ އާއި އަބްރާރް ގާޒީ އެވެ.