ލައިފްސްޓައިލް

ދެ ނަސްލެއްގެ އެއްމާބަނޑު ދެބެން އުފަންވެއްޖެ

ދެ ނަސްލެއްގެ ދެ މީހަކު ކައިވެނި ކޮށްގެން ލިބުނު އެއްމާބަނޑު ދެބެންގެ ކުލަ ތަފާތު ކަމުން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން މި ކުދިންނަށް ހުއްޓިއްޖެ އެވެ.

މަކާއީ އާއި އެލިއަން އަކީ އެއްމާބަނޑު ދެބެން ނަމަވެސް އެ ކުދިންނަށް ވާރުތަވެފައި ވަނީ މުޅިން ތަފާތު ޖީން ތަކެކެވެ. އެހެންވެ އެ ކުދިންގެ ގައިގައި ހަންގަނޑުން ފެށިގެން ލޮލުގެ ކުލައާއި ބޮލުގެ އިސްތައްޓަށް ދަންދެން ވަރަށް ބޮޑަށް ތަފާތެވެ. މަކާއީގެ ގައިގެ ހަންގަނޑު އަނދިރި ކުލައަކަށް ހުންނައިރު ބޮލުގެ އިސްތަށިތަކުގައި ހުންނަނީ ވަރަށް ކުދިކުދި ބުޅިއެކެވެ. އަދި އޭނާގެ ލޮލުގެ ކަޅި ހުންނަނީ ކަޅު ކުލައިގަ އެވެ. އަނެއްކޮޅުން އެލިއަންގެ ލޮލުގެ ކަޅީގައި ހުންނަނީ ވަރަށް އަލި ކުލައެކެވެ. އޭނާގެ އިސްތަށިގަނޑު ހުންނަނީ ރަންކުލައިގަ އެވެ. އަދި ގައިގެ ކުލަ ދޮނެވެ.

އެއްމާބަނޑު ދެ ބެންގެ މިހާ ބޮޑު ތަފާތެއް ހުރުމުން އެ ދެބެން ފެންނަ ކޮންމެ މީހަކު ވެސް ހައިރާން ވެއެވެ. މި ދެބެންގެ ތަފާތު ހުރީ ހަމައެކަނި ބޭރު ފުށަކުންނެވެ. ދެބެންގެ ނަސްލު ވެސް މުޅިން ތަފާތުކަން އެ ކުދިންނަށް ބަލާލުމުން ޔަގީން ކުރެވެ އެވެ.

މި ދެބެންގެ މަންމަ ލައެއްޓާ ހެރިސް، 29، ބުނި ގޮތުގައި އެއީ އޭނާގެ ދެބެންނަކީ އެއް ބައްޕައެއްގެ ދެ ދަރިން ކަން ވަރަށް ގިނަ ފަހަރަށް މީހުންނަށް ވިސްނައި ދޭން އޭނާއަށް ޖެހެ އެވެ. އަދި އެއީ ހަމަ ހަގީގަތުގައި ވެސް އެ ދެ މީހުންގެ ކުދިންހޭ ކިޔާ އާއިލާގެ މީހުން ވެސް މި ދެބެންގެ ކުލައާއި ވައްތަރުގެ ތަފާތު ބޮޑު ކަމުން ވަރަށް ޖޯކު ޖަހާ ކަމަށް އެ ކުދިންގެ މަންމަ ބުންޏެވެ.

މަކާއީ އާއި އެލިއަންގެ މައިންބަފައިންނަކީ ބައި-ރޭޝިއަލް ބައެކެވެ. އެހެންކަމުން އެ މީހުންނަށް ލިބުނު އެއްމާބަނޑު ދެބެންގެ ތެރެއިން އެއް ކުއްޖަކީ މަންމަގެ ނަސްލުގެ ކުއްޖެކެވެ. އަނެއް ކުއްޖާ ނިސްބަތްވަނީ އޭނާގެ ބައްޕަގެ ނަސްލަށެވެ.

ކުދިންގެ މަންމަ އަކީ ކޯކޭޝަން އަދި އެފްރިކަން-އެމެރިކަން ދަރިކޮޅުގެ މީހަކަށް ވީއިރު އޭނާގެ 35 އަހަރުގެ ފިރިމީހާ ލަމްބާ ކްރޭން އަކީ އެފްރިކާގެ މަންމަ އަކާއި އެފްރިކަން-އެމެރިކަން ބައްޕައަކަށް ލިބިފައިވާ ދަރިއެކެވެ.

މަކާއީ އާއި އެލިއަން އުފަންވީ 2020 ވަނަ އަހަރު ވާމޮންޓްގަ އެވެ. ދެބެން ފުރަތަމަ ފެނުމާއެކު އެކުދިންގެ މައިންބަފައިންނަށް ވެސް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ.

ލައެއްޓާ ބުނި ގޮތުގައި އޭނާގެ ދެބެން ހަގީގަތުގައި ވެސް ހީވަނީ މުޅިން ތަފާތު ދެ ނަސްލެއްގެ ދެ ކުދިން ހެންނެވެ.

"މީހުން އަހާ އެއީ އެއްމާބަނޑު ދެބެންހޭ. އަހަރެން އާނއެކޭ ބުނީމަ އެމީހުން ވަރަށް ހައިރާންވޭ. އާއިލާގެ ބައެއް މީހުން ޖޯކަކަށް ހަދާފައި ބުނާނެ ހަމަ އަސްލު ވެސް ތިއީ އެއް ބައްޕައެއްގެ ދެ ދަރިންހޭ،" ލައެއްޓާ ބުންޏެެވެ.

ލައެއްޓާ ގަބޫލުކުރާ ގޮތުގައި އޭނާގެ ދެ ދަރިންނަކީ ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ އެއްމާބަނޑު ދެބެންނެވެ. އަދި އެ ކަހަލަ ދެކުދިން ލިބުނީތީ އޭނާ ވަރަށް އުފާ ވެއެވެ. މިކަހަލަ އެއްމާބަނޑު ދެ ފިރިހެން ކުދިން އޮންލައިނުން ވެސް ދުވަހަކު ވެސް މީގެ ކުރިން ނުދެކޭ ކަމަށް ލައެއްޓާ ބުންޏެވެ.

ސިފަ ޔާ އެއްގޮތަށް ދެ ކުދިންގެ އުޅުމާއި މިޒާޖު ވެސް ވަރަށް ތަފާތު ކަމަށް އެކުދިންގެ މަންމަ ބުންޏެވެ.

"މަކާއީ ވަރަށް އަނގަތަޅާނެ. އަދި އެހާ ޖަޒުބާތީ ވާނެ. އެލިއަން އުޅޭނީ ވަރަށް މަޑުމަޑުން އެކަނި މާއެކަނި،" ދެބެންގެ މަންމަ ބުންޏެވެ.