ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވާ ގޮތުން އަފްޣާންގައި މަޝްރަހު އޮތީ ރަޝިއާ އަށް އެންމެ ކަމުދާ ގޮތަށް ނޫނެވެ. ސައްހަ ލިޔުމެއް ނެތް އަފްޣާން ރައްޔިތުން ރަޝިއާއަށް އެރުން އެއީ ނުރައްކާތެރި ކަމެކެވެ.
ޕޫޓިން ވިދާޅުވީ ވިސާއެއް ނުވަތަ ލިޔުމެއްހާ ހިސާބު ވެސް ނެތް ބަޔަކު ރަޝިއާއަށް ފޮނުވާނެ ކަމެއް ނެތް ކަމަށާއި އަފްޣާންގައި މިހާރު އޮތް ހާލަތަށް ޒިންމާވާން ޖެހޭނީ އެކަން ކުރި ބަޔަކު ކަމަށެވެ. އެއީ އެމެރިކާއާ ހުޅަނގުން ހާވައިގެން އުޅޭ ހަޑިއެއް ކަމަށާއި ތާހިރު ކުރަން ޖެހޭނީ ވެސް އެމީހުން ކަމަށެވެ.
ޕޫޓިންއާ ހަވާލާދި ރަޝިއާގެ ޓާސް ނޫހުން ބުނީ ހުޅަނގުން އަފްޣާނަށް ޖައްސާފައި އެއޮތީ ވަރަށް ދެރަ ހާލަތެއް ކަމަށާއި އެހާ ނިކަމެތިކޮށްފައި ގޮސްގެން ނުވާނެ ކަމަށެވެ.
އަފްޣާންގެ ހާލަތު ގޯސް ކުރީ އެމެރިކާއިން ކަމަށް ދޭހަވާ ގޮތަށް ޕޫޓިން ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ ދެން ވެސް އެންމެ ރަނގަޅު ވާނީ ގޮތްފޮތް ނުކިޔައި އަފްޣާންގެ ރައްޔިތުންނަށް އެ ގައުމު ދޫކޮށްލުން ކަމަށެވެ.
ތާލިބާނުންގެ އަތްމަތިގައި އަފްޣާން މިހާރު އޮތްއިރު ކުރިން ވެރިކަން ކުރިއިރު ހެދި ގޯސްތައް ދޫކޮށްލަން ޖެހޭ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ޕޫޓިން ވިދާޅުވި ދުނިޔޭގެ ސަމާލުކަމާއި އަޅާލުން ބޭނުން ނަމަ ގައުމުތަކާ ގުޅިގެން ހަރުދަނާ އެއްބަސްވުމަށް ރުހެންޖެހޭ ކަމަށެވެ.