ޕީޕީއެމް

މެންބަރު މުބީން އާއި އަބްދުﷲ ޕީޕީއެމަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު މިއަދު ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ. މި ދެ މެންބަރުންނަކީ މިހާތަނަށް ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

މުބީން އާއި އަބްދުﷲ ގެ ފޯމާ ހަވާލުވެ ވަޑައިގެންވީ ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ސޮއި ކުރެއްވުމަށްފަހު މުބީން ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ދުވަހެއް ކަމަށާއި މި ސަރުކާރާއި މިހާރުގެ މަޖިލިސް އުފެދިގެން އައީއްސުރެ ވަރަށް ގިނ ބަޔަކު އައީ މިކަމަށް އެދިފައިވާ ކަމަށާއި ޕީީޕީއެމާ ގުޅޭނެ ކަމަށް ރައީސް އަހަރިހުގައި ދެންވިތާ ވެސް އަށް މަސް ވެއްޖެ ކަމަށާއި އޭނާ ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ގެނައި ބަދަލެއް ކަމަށެވެ.

މުބީނު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެ ޕާޓީއަކީ ހަމަނުޖެހުން އުފެއްދުން ނޫން ކަމެއް ބޭނުން ވެގެން އުޅޭ ބައެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އޭނާ މެންބަރު ކަމަށް ހޮވުނު ޖުމްހޫރީ ޕާޓީ ދޫކޮށްލާއިރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިހުރީ މި ސަރުކާރާއެކު ރައީސް ޔާމީނާއެކު ކުރިޔަށްދާން،" މުބީނު ވިދާޅުވި އެވެ.

މި ހަފުލާފައި ރައީސް މައުމޫން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދެއަހަރުގައި ގިނަ ހިދުމަތްތަކެއްކޮށް ކާމިޔާބީތައް ހޯދި އިރު ކާމިޔާބު ދެ އަހަރު ކަޑަތު ކުރެއްވީ ހަލަބޮލި ކަމުގެ ތެރޭގައި ކަމަށެވެ.

އަލަށް ގުޅި ވަޑައިގެން ދެ ބޭފުޅުންގެ ސަބަބުން ޕާޓީއަށާއި ސަރުކާރަށް ކާމިޔާބު ލިގެންދާނެ ކަމަށާއި ޕީޕީއެމް އޮންނާނީ އިހުލާސްތެރިން ބަލައިގަންނަށް މަރުހަބާ ކިޔާ ޕާޓީއެއް ކަމަށާއި ޕީޕީއެމްގެ މަގުސަދަކީ އެންމެ ފުރަތަަ ގައުމު ކަމަށާއި ޖީބަށް ވަންނަ ފައިސާގެ ބަދަލުގައި ޕީޕީއެމް ބަލާނީ ގައުމަށް ވަނީ ކޮން ފައިދާއެއްތޯ އާއި ރައްޔިތުންނަށް ލިބެނީ ކޮން ފައިދާއެއްތޯ ކަމަށެވެ.

މުބީން އާއި އަބްދުﷲ ޕީޕީއެމަށް ސޮއި ކުރެއްވި ދާދިދެންމެއަކި ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ދެ މެންބަރުން ޕީޕީއެމަށް ސޮއި ކުރެއްވިއިރު ދެ ބޭފުޅުން އެ ޕާޓީއަށް ސޮއި ކުރައްވާ ކަމަށް އަޑު ފެތުރިފައި އޮންނަތާ ކިތަންމެ ދުވަހެއް ވަނީ ވެފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ އޮންނަ އދ. ފެންފުށީ ކައުންސިލް މެންބަރުންނާއި އެ ރަށު ހެލްތު ސާވިސް އެޑްމިނިސްޓްރޭޓާގެ މަގާމުގައި ހުންނެވި މުހައްމަދު އިބްރާހިމް ވެސް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމަށް ސޮއި ކުރެއްވި އެވެ.

މެންބަރުން ސޮއި ކުރެއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.