އަހަރަކަށް ފަހު ގަރެތު ބޭލް ރެއާލް މެޑްރިޑަށް ގޯލެއް ކާމިޔާބު ކޮށްދީފި އެވެ.
ލަލީގާގައި ރެއާލް އާއި ލެވާންޓޭ ރޭ ބައްދަލުކުރި މެޗުގެ ފަސްވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިން ގޯލު ކާމިޔާބު ކޮށްދިނީ ބޭލް އެވެ. ކަރިމް ބެންޒެމާ ދިން ބޯޅައަކުން ބޭލް މިގޯލު ކާމިޔާބު ކުރި އިރު، ސްޕެނިޝް ލީގުގައި އެންމެ ފަހުން ބޭލް ރެއާލްއަށް ގޯލެއް ޖަހައިދީފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެންމެ ފަހުން ބޭލް ރެއާލްއަށް ގޯލެއް ޖަހައިދިނީ 2020 ވަނަ އަހަރު ޖެނުއަރީ 22 ގައި ޔުނިއަންސްޓާސް އާއި ބައްދަލުކުރި ކޮޕަ ޑެލްރޭގެ މެޗެއްގަ އެވެ.
އޭގެ ފަހުން 2020/21 ސީޒަންގައި ލޯނު އުސޫލުގެ ދަށުން ބޭލް ކުޅުނީ އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އަށެވެ. ޓޮޓެންހަމްއަށް 14 ގޯލު ޖަހައިދިނުމަށްފަހު އެނބުރި ރެއާލްއަށް އައިސް ބޭލް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މެޗުގެ ކުރީ ކޮޅުގައި ރެއާލުން ނެގި ލީޑާއި އެކު ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފެށުނު ގޮތަށް ލެވާންޓޭ އިން ވަނީ ފަހަތުން އަރާ ލީޑު ނަގާފަ އެވެ. އެގޮތުން ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ރޮގާ މާޓީގެ ގޯލުން ނަތީޖާ އެއްވަރު ކުރި އިރު، އޭގެ އިރުކޮޅެއް ފަހުން ހޯސޭ ކެމްޕާނާ ވަނީ ގޯލެއް ޖަހައި މެޗުގެ އޮއެވަރު ބަދަލު ކޮށްލާފަ އެވެ.
ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ވަރަށް ވިނީޝިއަސް ޖޫނިއާ ވަނީ ލަނޑެއް ޖަހައި އަނެއްކާވެސް ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަސް މިނެޓު ފަހުން ރޮބާ ޕިއާ ލަނޑެއް ޖަހައި ލެވާންޓޭ ކުރި ހޯދި ނަމަވެސް ވިނީޝިއަސް ވަނީ އަނެއްކާވެސް ގޯލެއް ޖަހައި ރެއާލް ސަލާމަތް ކޮށްދީފަ އެވެ.
މި ނަތީޖާއާއި އެކު 3-3 އިން އެއްވަރުވެގެން ރެއާލް އަށް ޕޮއިންޓެއް ލިބުނު އިރު މިދިޔަ އަހަރުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ކުޅުނު މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާފަ އެވެ. އެލްޗޭ އާއި ބައްދަލު ކުރި މެޗުގައި 1-0 ގެ ނަތީޖާ އަކާއި އެކު އެތުލެޓިކޯއަށް ލިބުނީ ހަނި މޮޅެކެވެ.