ހަބަރު

މާލޭގެ މިސްކިތްތަކުގެ އިމާމުން މިނިސްޓްރީގެ ދަށަށް

Jan 16, 2015

މާލޭގެ މިސްކިތްތަކުގެ އިމާމުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގެ އިމާމުން މިނިސްޓްރީގެ ދަށަށް ގެންދިޔައީ އިމާމުން މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރުމުގެ ފަސޭހައަށް ކަމަށެވެ. މި ރަށްތަކުގައި 34 މިސްކިތެއް ހުރެ އެވެ.

ލާމަރުކަޒީ ގާނޫނަށްފަހު މިހާތަނަށް މާލޭގެ މިސްކިތްތަކުގެ އިމާމުން ތިބީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ. އަދި އެކަން ބޮޑު މައްސަލައެއްގެ ގޮތުގައި އެކި ފަހަރުމަތިން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ވަނީ މި ބަދަލު ގެންނާނެ ކަމަށް ބުނެފައެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ކުރި އިރު ބުނެފައި މިސްކިތްތަކާއި ނަމާދުގެތައް ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ބުނަނީ އެކަން އޮންނާނީ ކައުންސިލްތަކަށް ކަމަށެވެ.