އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު އިތުރަށް ދިރާސާ ކުރަން ފެންނަކަމަށް 45 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ. ނުފެންނަކަަމަށް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެ ބިލު ބަލައިގަނެ ބިލު އިތުރަށް ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއާ އިޖުތިމާއީ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަކަށެވެ.
އެ ބިލަކީ އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއެކު މަރުވާ މީހުންގެ މަރު ސާބިތު ކުރުމާއި މަރުވާ މީހުން ރަޖިސްޓްރީ ކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.
ބިލުގައިވާ ގޮތުން ކުއްޖާ އުފަންވާތާ ހަތް ދުވަސް ތެރޭގައި އެ ކުއްޖާ ރަޖިސްޓްރީ ކުރަން ބޭނުންވާ ރަށް ނުވަތަ ސިޓީ ކައުންސިލަކަށް ހުށަހަޅަން މައިންބަފައިންނަށް ލާޒިމް ވާނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
އޭގެ އިތުރުން ގަވައިދާ ހިލާފަށް ގަސްދުގައި ފޫޅުމާ ފޯމެއް ނުވަތަ އުފަންވުމުގެ ރަޖިސްޓްރީއެއް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓެއް ނުވަތަ އައިޑީކާޑެއް ހައްދައިދީފިނަމަ 15،000 ރުފިޔާއާއި 25،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
އުފަންވާތާ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ ބޮޑު އަދަަދަކުން ޖޫރިމަނާ ކުރާ ގޮތަށް އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. އަދި ބިލުގައި ހިމެނޭ ބައެއް ކަންތައްތައް ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމަށް ބައެއް މެމްބަރުން ވަނީ އެދިފަ އެވެ.