ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.
އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ޝިދާތާ އިއްޔެ ވަނީ އެ މަގާމުންނާއި އަދާލަތުގެ މެންބަރުކަމުންވެސް ވަކިވެވަޑައިގެންފައެވެ.
ޝިދާތާގެ ނިންމެވުން ތަފްސީލު ކޮށްދެއްވާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ފުރަތަަމަ ފިޔަވަޅާއެކު އަދާލަތުގެ ތެރެއިން ގިނަ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިވަަޑަައިގެންނެވި ކަމަށެވެ. އަދި ސިޔާސީ ޝަހުސިއްޔަތު ބިނާ ކުރެެެއްވުމަށް އެ ޕާޓީގެ ތެރެއިން ލިބިވަޑަައިގެންނެވި ފުުރުސަތާއި އަދާލަތުގެ ދައުރު ދުވަހަކުވެސް ދުރު ނުކުރައްވާނެ ކަމަށެވެ.
ނަމަވެސް މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކަށް ދިއުމަށް އިތުރު ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާ އަދި އައު މިސްރާބަކުން ހިނގާން ޖެހޭ ކަމަަށެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކީ ޝިދާތާ އެވެ. އެކަމަނާ އެ މަގާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ރައީސް ސޯލިހް ވެރިކަަމަށް ވަޑައިގަތުމަށް ކުރެއްވެވި ކެންޕެއިންގައި އަދާލަތުން އެންމެ އިސް ދައުރެއް އަދާކުރެއްވީ ޝިދާތާ އެވެ. ނަމަވެސް އެކި ތުހުމަތުތައް ކުރައްވާ އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޕީޖީ ގުރޫޕުން ދެއްވުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ސަރުކާރުންވެސް އަދި އަދާލަތު ޕާޓީންވެސް ޝިދާތާގެ ދިފާއުގައި ވާހަކަ ނުދެއްކުމުން މަޖުބޫރުވެވަޑައިގެންނެވެ.
މަގާމުން އިސްތިއުފާ ދެއްވި ފަހުން "ޝިދާތާގެ ތަރި އޮއްސެން ކައިރިވެސް ނުވާ" ކަމަށް ވިދާޅުވެ އިމްރާން ޓްވީޓެއް ކުރެއްވެވިއެވެ.