މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފުރަތަމަ ކޮންގްރެސް މި މަހުގެ 23 އަދި 24 ގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްއެެންޕީގެ ކޮންގްރެސްގެ ތާރީހު އިއުލާނު ކުރުމާއި ކޮންގްރެސްގެ ރަސްމީ ލޯގޯ އިފްތިތާހު ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ޕާޓީގެ ތަރުޖަމާން އަދި ނާއިބު ރައީސް ޝިދާތާ ޝަރީފް ވިދާޅުވީ މި މަހުގެ 23 އަދި 24 ގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.
އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްއަކީ މިހާތަނަށް ޕާޓީއަކުން ބާއްވާ އެންމެ ފުރިހަމަ އަދި އެންމެ އިންތިޒާމް ރަނގަޅު ކޮންގްރެސް އަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. ޝިދާތާ ވިދާޅުވި ގޮތުގައި އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ކުރިއަށް ގެންދާނީ "ދަ ނެޝަނަލް ކޮންވެންޝަން 2022" މި ނަމުގައެވެ.
ކޮންގްރެސް ފެށުމުގެ ގޮތުން 23 ވާ ހުކުރު ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް އޮންނާނެ އެވެ. އެ ޖަލްސާގައި ކޮންގްރެސްގެ މަންދޫބުންނަށް ޕާޓީގެ ރައީސް އާއި ލީޑާޝިޕްގެ ބޭފުޅުން މަރުހަބާ ވިދާޅުވާނެ އެވެ. އަދި ޕާޓީގެ އިސް ބޭފުޅުން ތަގުރީރުވެސް ކުރައްވާނެ އެވެ.
މީގެ އިތުރުން 24 ވަނަ ދުވަހު އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމާއެކު އެމްއެންޕީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ބައެއް މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުން އޮންނާނެ އެވެ.
ޝިދާތާ ވިދާޅުވީ ކޮންގްރެސްގެ މަންދޫބުންނަށް އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެމްއެންޕީން އިސްކަންދޭ ސިޔާސަތުތައް އެކުލަވާލާ ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްވެސް ކޮންގްރެސްގެ އެއް ސެޝަން ހާއްސަ ކޮށްފައިވާ ކަމަށެވެ.
އެމްއެންޕީގެ ކޮންގްރެސްގެ ދައުވަތު ޕާޓީގެ ގޮފިތަކުގެ ރައީސުންނާއި ނާއިބު ރައީސުންނަށް ފޮނުވާނެ އެވެ. އަދި ގައުމީ ހިންގާ ކައުންސިލް މެންބަރުންނާއި ޕާލިމަންޓަރީ ގުރޫޕްގެ މެންބަރުންގެ އިތުރުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންްގެ ގޮތުގައި ތިއްބެވި އެ ޕާޓީގެ މެންބަރުންނަށް ފޮނުވާނެ އެވެ.
ކޮންގްރެސްގައި އެ ހުރިހާ މެންބަރުން ބައިވެރިވާނެ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.