ޝިދާތާ ޝަރީފު

އެމްއެންޕީގެ އެތެރޭގެ އިންތިހާބުން ކުރިމަގަށް އެޅުނީ މުހިންމު ފިޔަވަޅެއް: ޝިދާތާ

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބަކީ އެޕާޓީގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަގަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެމްއެމްޕީގެ ސްޕޯކްސްޕާސަން އަދި ނާއިބު ރައީސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޖުމްލަ 54 ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބާ ގުޅޭގޮތުން ޝިދާތާ ވިދާޅުވީ މިއަދުގެ އިންތިހާބު ވަރަށް ކާމިޔާބު ކަމަށެވެ. ގިނަ އަދަދެއްގެ މެންބަރުން ވޯޓްލާން ނިކުމެ ދެއްކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ އެތެރޭގެ އިންތިހާބާއެކު އެމްއެންޕީގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަގަށް އެޅުނީ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ އެ ޕާޓީގެ ފުރަތަމަ އިންތިހާބު މިއަދު ކުރިއަށް ދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މިއަދު ފެނިގެން ދިޔައީ އެމްއެންޕީއަކީ ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓާ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއް ކަމުގެ ސާފު މިސާލެއް ކަމަށެވެ.

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބުގައި ވޯޓެއް ނެތި 180 މަގާމަކަށް މެންބަރުން ވަނީ ހޮވިފައެވެ. އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ މަގާމުތަކުގެ ތެރެއިން އިންތިހާބު ބާއްވަނީ ފަސް މަގާމަކަށެވެ. އެއީ ވިމެންސް ވިންގެ ލީޑަރު ހޮވުމާއި ޔޫތު ވިންގގެ ލީޑަރު ހޮވުމާއި ނޮޅިވަރަމް ދާއިރާ (އަޕާ ނޯތު ރީޖަން - ހދ) ރައީސް ހޮވުމާއި ހޮޅުދޫ ދާއިރާ (ނޯތު ރީޖަން - ނ) ނާއިބު ރައީސް ހޮވުމާއި ތުޅާދޫ ދާއިރާ (ނޯތު ރީޖަން- ބ) ރައީސް ހޮވުމެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ 24 ގަޑިއިރުތެރޭ އިއުލާނު ކުރާނެ އެވެ.