ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 184.1 މިލިއަން ރުފިޔާ ހަމަޖެއްސުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 184.1 މިލިއަން ރުފިޔާ ފާސްކުރީ ކޮމިޓީގައި އެވަގުތު ތިއްބެވި ހުރިހާ މެންބަރުން އިއްތިފާގުންނެވެ.
މަޖިލީހުގެ ބަޖެޓާއި ގުޅޭގޮތުން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެނެވެ. އެހެންކަމުން މަޖިލިސް އިދާރާގެ ބަޖެޓުގެ ޖުމްލަ އަދަދު ފިޔަވައި އިތުރު ތަފްސީލެއް އެނގިފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 177.8 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރަށް ފާސްކޮށްފައި މިވަނީ 6.3 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ބުނެފައިވަނީ ގާނޫނުއަސާސީގައި މަޖިލީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ބަޖެޓު އެކުލަވާލުމަށްފަހު ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން އާންމު ކޮމިޓީން ބަޖެޓުގެ އަދަދު ފާސްކުރަންވާނެ ކަމަށެވެ. މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި ފާސްކުރާ ބަޖެޓުގައިވާ ފައިސާ، އެއްވެސް އުނިކުރުމެެއް ނެތި މަޖިލީހަށް ދޫކުރަންވާނެ ކަމަށްވެސް މަޖިލީހުގެ ގަވައިދުގައިވެ އެވެ.
ސަރުކާރުން އެކުލަވާލާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު، ގާނޫނުގައިވާ ގޮތަށް އަންނަ އޮކްޓޫބަރު 31ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސޯދު އަދި މުޅިން ރަނގަޅުވެފައި ނުވާތީ، އަންނަ އަހަރުގެ ބަޖެޓު ވެސް އެކުލަވާލާނީ ވީހާވެސް ބޮޑަށް ހަރަދުތައް ކުޑަކޮށްގެން ކަމަށާއި ގަސްދުކުރަނީ މި އަހަރު ޕްރޮގްރާމް ބަޖެޓެއް ހުށަހެޅުމަށް ކަމަށެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 34.8 ބިލިއަން ރުފިޔާ އެވެ. މީގެތެރެއިން 33.3 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ޖަހާފައިވާތީ ދައުލަތުގެ މިއަހަރުގެ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.