ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ޕެޓިޝަން 13 މެންބަރުންގެ ސޮއި ހޯދައިފި

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު މިހާތަނަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި ސޮއިކުުރުން އެމްޑީޕީ ހަރުގޭގައި ފެށުމަށް ބޭއްވުމަށް އިވެންޓްގައި އެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ހަރަކާތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ވިދާޅުވީ ކޮންމެ ދުވަހަކުވެސް މެންދުރު ފަހު ދެއަކުން ފެށިގެން ސޮއިކުރުން ހަރުގޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ޕެޓިޝަންގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ޕެޓިޝަންގައި ސޮއި ކުރުމަށް އިތުރު މެމްބަރުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް މިވަގުތު ހާލަތު ހުރިގޮތުން އަދި އެ ޕެޓިޝަންގައި ސޮއިކުރަން ބޭނުންނުވާ ކަމަށެވެ.

"ކުރީގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންވެސް އެބަހުރި ޝައުގުވެރިކަން ފާޅުކޮށްފައި. އަޅުގަނޑުމެންގެ އަމާޒަކީ 100 ދުވަސްތެރޭ 100،000 ސޮއި ހޯދުން. އެއަށް ފަހު އެ ޕެޓިޝަން އަޅުގަނޑުމެން ހުށަހަޅާނަން މަޖިލީހަށާއި ރައީސްއަށް ވެސް" ނިޝާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ޕެޓިޝަން ރާއްޖޭގައި އެކި ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން އެ މަސައްކަތުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

ޕެޓިޝަންގައި މިހާތަނަށް ސޮއިކުރެއްވި މެމްބަރުން

  • ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
  • އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)
  • މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން
  • ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  • ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  • ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އަދި ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ކުރީން ވަނީ އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު އަނެއްކާވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ސަރުކާރުން ގެންގުޅެނީ ވެރިކަން ކުރާ ކޯލިޝަންގައި އޮތް ޕާޓީތަކާއި ގުޅިގެން ހަދާފައިވާ މެނިފެސްޓޯއެއް ކަމަށެވެ.

އެކަމަކު ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން އެމްޑީޕީ މެމްބަރުން މިހާރު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަނާ ގުޅޭގޮތުން ނޫސްވެރިޔަކު މިއަދު ސުވާލުކުރެއްވުމުން މަބްރޫކް ދެއްވީ ނިޒާމު ބަދަލުކުރުމުގެ މައްސަލާގައި ރައީސް ތަކުރާރުކޮށް ދެއްވާ ޖަވާބެވެ. އެގޮތުން ވިދާޅުވީ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި ނިޒާމުގެ މައްސަލާގައި ރައީސްގެ ޖަވާބަކީ އެއީ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯ އަކީ ކޯލިޝަންގައި އޮތް ޕާޓީތަކުން އެއްބަސްވެގެން އެކުލަވައިލި މެނިފެސްޓޯއެއް ކަމަށްވާތީ އެ މެނިފެސްޓޯގައި އޮންނާނީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކެއްގެ ވާހަކަ ކަމަށެވެ. ކޯލިޝަން މެނިފެސްޓޯގެ ކުރިން ރިޔާސީ އިންތިހާބަށް އެމްޑީޕީއާއި އެހެން ޕާޓީތަކުން ވެސް މެނިފެސްޓޯ އެކުލަވާލި ކަންވެސް ފާހަގަކުރެއްވި އެވެ.

މަބްރޫކް ވިދާޅުވީ ކޯލިޝަނުން އެއްބަސްވެގެން އެކުލަވާލައިފައިވާ މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވާހަކަ ނޯންނާނެ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގިނަ ރައްޔިތުންތަކެއް އެދޭނަމަ އެފަދަ ވޯޓަކަށް ދެވިދާނެ ކަމަށް ރައީސް ވިދާޅުވާ ކަމަށްވެސް މަބްރޫކް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މިކިޔައިދެނީ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައޭ ވަނީ މިކަމުގައި ގޮތެއް ނިންމާނީ ސީދާ ރައްޔިތުންގެ ވޯޓަކަށް ގޮސްގެންނޭ. އެއީ ރައްޔިތުން އެދޭ ކަމެއް ކަމުގައި ވާނަމަ،" މަބްރޫކް ވިދާޅުވި އެވެ.