ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ޒުވާނުންނަށް ހާއްސަ ކޭމްޕެއް ފަށައިފި

މީރީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ "ޕިޗް-އަޕް ޔޫތު އޮންޓްރޮޕްރިނިއާޝިޕް ޗެލެންޖް" ނިންމި ފަރާތްތަކަށް ބާއްވާ ތަމްރީނު ޕްރޮގްރާމް، ޕިޗް-އަޕް ބޫޓު ކޭމްޕް ފަށައިފި އެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަށް މަގުފަހިކޮށް ދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި ހަޔާ އެޑިއުކޭޝަނާއި، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

ޕިޗް-އަޕް އަކީ ވިޔަފާރިއެއް ތަރައްގީކުރާނޭ ގޮތުގެ ހިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީއާއި، ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭގޮތަށް ފަރުމާކޮށް 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހުޅުވާލައިގެން ހިންގާ މުބާރާތެކެވެ.

މުބާރާތުގައި ހުށަހެޅޭނީ ފަތުރުވެރިކަން، ފަތުރުވެރިކަމާ ގުޅުންހުރި އުމްރާނީ މަސައްކަތް، އައިސީޓީ އަދި ދަނޑުވެރިކަމުގެ މަސައްކަތުގެ ދާއިރާގެ އުފެއްދުންތެރި ވިޔަފާރީގެ ހިޔާލެވެ.

ޕިޗް-އަޕް ބޫޓް ކޭމްޕުގައި ބިޒްނަސް ޕްރޮޕޯސަލް އެކުލަވައި ތައްޔާރުކުރުމާއި، ވިޔަފާރިއެއް ފަށައިގެން ތަރައްގީ ކުރާނޭ ގޮތުގެ މައުލޫމާތާއި، އިރުޝާދާއި، ތަމްރީނު ފޯރުކޮށްދޭނެވެ.

އޮންލައިންކޮށް ޖުމުލަ ހަތް ސެޝަންގެ މައްޗަށް ހިންގުމަށް ތާވަލުކޮށްފައިވާ މި ބޫޓް ކޭމްޕުގައި ކިޔަވައިދޭނީ ހާއްސަ ތަމްރީނު ދީފައިވާ ތަޖުރިބާކާރު ދިވެހި ޓްރެއިނަރުންނެވެ. މިމަހުގެ 28 އަށް ހިންގާ ހަ ދުވަހުގެ ބޫޓު ކޭމްޕުގައި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުންގެ ކާމިޔާބީއާއި، ވިޔަފާރީގެ ތަޖުރިބާ ހިއްސާކުރުން އޮންނާނެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އޭޕްރީލް ފަސްވަނަ ދުވަހު މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައި، މެއި މަހު ފުރުސަތު ބަންދުކޮށްލިއިރު 192 ހުށަހެޅުން ލިބިފައިވާ ކަމަށެވެ. އަމިއްލަ ގޮތުންނާއި، ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި މުބާރާތުގެ
ދެވަނަ މަރުހަލާއަށް ޝަރުތު ހަމަވެ، ބޫޓް ކޭމްޕުގައި ބައިވެރިވާނީ 132 ފަރާތެއް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.