ސްޓާ ޕްލަސްގެ ޒަމާންވީ ޝޯ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާހޭ" ގައި ކާރްތިކްގެ ރޯލު މުހްސިން ޚާން ކުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މުހްސިން ދާދި އަވަހަށް އެ ޝޯއާ ވަކިވާން ވަނީ ނިންމާފަ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި "ޔޭ ރިޝްތާ" އަނެއްކާ ވެސް އެތައް އަހަރެއްގެ ފަސް ދައްކަން ތައްޔާރުވަމުން ދާތީ އުމުރުން ދުވަސްވީ މީހެއްގެ ކެރެކްޓާ ކުޅޭކަށް މުހްސިންގެ ޝައުގުވެރި ކަމެއް ނެތެވެ. މިހާރު އޭނާ ބޭނުން ވަނީ އެހެން ޝޯ ތަކެއްގައި މަސައްކަތް ކޮށްލާށެވެ.
މި ޝޯގައި މުހްސިން އާއި ޝިވާންގީ ވަނީ ވަރަށް ރޮމެންޓިކް ޖޯޑެއްގެ ގޮތުގައި ޝޯގެ ފޭނުންގެ ހިތް އަތުލާފަ އެވެ. ޝޯ އެތައް އަހަރެއް ކުރިޔަށް ޖައްސާލައިފިނަމަ މި ދެ އެކްޓަރުންނަށް ވެސް ޖެހޭނީ އުމުރުން ވަރަށް ދުވަސްވީ ކެރެކްޓާތަކެއް ކުޅޭށެވެ. އެހެންވެ ޝޯއިން ވަކިވާން މުހްސިން ނިންމީ ކަމަށާއި މި ނިންމުމުގެ ސަބަބުން ޝޯ އުފައްދާ ފަރާތާއި މުހްސިން އާ ދެމެދު އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެފައި ވެއެވެ.
"ޔޭ ރިޝްތާ"ގެ ޕްރޮޑިއުސަރު ރާޖަން ޝާހީ އަކީ އޭނާގެ މެންޓާގެ ގޮތުގައި މުހްސިން ދެކެ އެވެ. އެހެންކަމުން މުހްސިން ޝޯ އިން ވަކިވާން ގަސްތުކުރުމުން ރާޖަން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
މުހްސިން ވަކިވިޔަސް ޝިވާންގީ ޝޯ އިން ވަކިވާނެކަމެއް އަދި ނޫންކަމެއް ވެސް އަދި ނޭނގެ އެވެ. މުހްސިން އާއި ޝިވާންގީ އަކީ ހަގީގީ ދެ ލޯބިވެރިންނެވެ.
މުހްސިން ޝޯ އިން ވަކިވާތީ އޭނާގެ ބަދަލުގައި ލީޑް ރޯލު ކުޅޭނެ އަދި ޝޯގައި ދެން ކިޔައިދޭން އުޅޭ ވާހަކައިގެ ބަތަލުގެ ބަޔަށް ރަނގަޅު އެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދާ ކަމަށް ވެއެވެ.