ލައިފްސްޓައިލް

ކަރަންޓީނު ދަސްކޮށްދިނީ ބީބޯނިކް ޕްލޭގް

އިންސާނުން ދުނިޔޭގައި ދިރިއުޅެން ފެށީއްސުރެ މިހާތަނަށް އެތައް ގިނަ އާލަމީ ވަބާ ތަކަކާ ދުނިޔެއަށް ކުރިމަތިވެފައި ވެއެވެ. ފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވީ އެންމެ ބޮޑެތި ވަބާތަކުގެ ތެރޭގައި އެބޯލާ ވައިރަސް އާއި އެޗްއައިވީ އެއިޑްސް ހިމެނެ އެވެ. އަދި މިހާރުވެސް އެ ވަބާއަކުން ސަލާމަތް ނުވެވިގެން އުޅޭ ކޮރޯނާވައިރަހުގެ ވަބާގައި މިހާތަނަށް އެތައް މިލިއަން ބަޔަކު ދުނިޔެ ދޫކޮށްފި އެވެ.

ތާރީޚް ހެކިދޭ ގޮތުގައި ކާބަފައިން ވެސް ވަނީ މިފަދަ އެތައް އާލަމީ ވަބާއަކާ ކުރިމަތިލާފަ އެވެ. އެފަދައެއް ވަބާ އަކީ ބީބޯނިކް ޕްލޭގް ނުވަތަ ބްލެކް ޑެތެވެ.

ބީބޯނިކް ޕްލޭގް ޔޫރަޕަށާއި އޭޝިއާ އަށް ލައިގަތީ 14 ވަނަ ގަރުނުގަ އެވެ. އޮކްޓޯބަރު 12، 1347 ގައި ބްލެކް ސީގައި ދުއްވި އާގުބޯޓުތަކެއް ސިސިލީގެ ބަނދަރެއް ކަމަށްވާ މެސީނާ އަށް ޖެއްސި އެވެ. މިއީ މި ޕްލޭގް ޔޫރަޕަށް އައި ގޮތެވެ.

މި އާގުބޯޓުތައް ލެފުމުން އޭގެ ކައިރިއަށް އެއްވި މީހުނަށް ބޯޓުތަކުގެ ތެރެއިން އާދަޔާޚިލާފު މަންޒަރުތަކެއް ފެނުނެވެ. އެ ބޯޓުފަހަރުގެ ފަޅުވެރިންގެ ތެރެއިން ގިނަ ބަޔަކު ތިބީ މަރުވެފަ އެވެ. މަރު ނުވާ ގިނަ މީހުންގެ ވެސް ހާލު ވަރަށް ދެރަ އެވެ. އެމީހުންގެ މުޅި ހަށިގަނޑުގައި ހުރީ ކަޅުކުލައިގެ ފޮޅުތަކެކެވެ. އެ ފޮޅުތަކުން ލެޔާއި ދޮސްތައް އަންނަމުން ދިޔަ އެވެ.

މި ބަލިމަޑުކަމުން ސިސިލީގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ވަގުތުން ފިޔަވަޅު އެޅި އެވެ. "ޑެތު ޝިޕްސް" ގެ ނަމުން ނަންދީފައިވާ މި ބޯޓުތައް އަވަހަށް ބަނދަރުން ނެރެން އަމުރުކުރި އެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެ އެވެ. މި ބައްޔަކީ ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔަކަށް ވާތީ ސިސިލީގެ އާބާދީގެ ތެރޭގައި އޭރު އެބަލި ދިޔައީ ފެތުރެމުންނެވެ.

އޭގެ ފަހުން ފާއިތުވީ ފަސް އަހަރު ބްލެކް ޑެތު ވަނީ ޔޫރަޕްގައި ވަރަށް ގަދަޔަށް ވަކި ހިއްޕާލާފަ އެވެ. އަދި މި ބަލީގައި 20 މިލިއަން މީހުން އެ ބައްރުން މަރުވި އެވެ. މިއީ އެ ޒަމާނުގައި އެ ބައްރުތައް ދިރިއުޅުނު އާބާދީގެ ތިންބައިކުޅަ އެއްބައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ބީބޯނިކް ޕްލޭގް އަކީ ޔާސީނިއާ ޕެސްޓިސް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. މި ބެކްޓީރިއާ ގިނައިން ފެންނަނީ މީދަލާއި އެ ސޮރުގެ ނަޖިހުންނެވެ. މި ބައްޔަށް ނަން ދީފައިވާ ބަލި ޖެހުމުން ފެންނަ ވޭން ދެނިވި އަލާމާތްތަކުގެ މައްޗަށެވެ. މި ބަލި ޖެހޭ މީހުންގެ ލިމްފް ނޯޑްސްތައް ދުޅަވެ ކިހިލިފައްޗާއި އުކުޅުވަޅު ފަދަ ތަންތަނުގައި ބޮޑެތި ފޮޅުތަކެއް ލައެވެ.

ގައިން ގަޔަށް އެހާ ފަސޭހައިން އަރާ ބައްޔެއް ދުނިޔެއިން ނައްތާލެވުނީ ކިހިނެއް ހެއްޔެވެ؟ އެ ޒަމާނުގެ ބޭސްވެރިން މި ބައްޔަށް ވަރަށް ތަފާތު ފަރުވާތައް ކުރި އެވެ. މި ބައްޔަށް ސިހުރާއި ފަންޑިތަ ހެދުން ވެސް އެ ދުވަސްވަރު ވަރަށް އާއްމުވި އެވެ. ސާފުތާހިރުކަން ކުޑަ ގޮތްގޮތަށް ފޮޅުތަކުން ލޭ ނެރުމާއި ފޮޅުތައް ފެޅުން ފަދަ ކަންތައް ތަކެއް ވެސް ކުރި އެވެ. ފިނިފެން މަލުގެ ފެނުން ފެންވެރުވުމާއި ވިނެގާ އިން ފެންވެރުވުން ފަދަ ކަންކަން ވެސް ކުރި އެވެ. އަދި ބައެއް ކަހަލަ ހާބްސް އަންދައިގެން އޭގެ އެރޯމާއިން ވެސް ފަރުވާ ކުރި އެވެ.

އެ ޒަމާނުގައި ސައިންޓިފިކް ގޮތުން މާ ބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާތީ ގިނަ ބަޔަކު ގަބޫލުކުރީ މިއީ އެމީހުންގެ މައްޗަށް ފޮނުއްވާފައިވާ ކޯފާއެއް ކަމަށެވެ.

ނަމަވެސް ސިއްހީ ތަޖުރިބާކާރުންގެ ތެރޭގައި އެ ޒަމާނުގައި ވެސް ތަންކޮޅެއް ވިސްނުންތޫނު ހޭ ޖެހޭ މީހުން އުޅުނެވެ. މި ބަލި ފެތުރެނީ ކައިރި ކައިރީގައި މީހުން އުޅޭތީ ކަން އެމީހުން ދެނެގަތެވެ. މި ކަން ދެނެގަނެވުމާއެކު ކަރަންޓީނު ކުރުން ތައާރަފް ކުރެވިގެން ދިޔަ އެވެ. އޭގެ ފަހުން ބޯޓު ފަހަރުގައި ރަށް ރަށަށް އަރަން އަންނަ މީހުން ބޯޓުން ނުފައިބައި 30 ދުވަހު ކަރަންޓީނުގައި ތިބެން އެންގި އެވެ. ހުޅަނގުގެ ދުނިޔޭގައި ކަރަންޓީނު މި ބަސް އާންމު ވީ މި ދުވަސްވަރު އެވެ. އޭގެ ފަހުން މި ބަސް އެހާ އާންމު ގޮތެއްގައި ބޭނުންކުރަން ފެށުނީ މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑް-19ގެ އާލަމީ ވަބާ ދުނިޔެއަށް ކުރިމަތިވުމުންނެވެ.