ގައުމީ ފުޓްބޯޅް ޓީމް

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން ވަރުގަދަ ޓީމެއް

މި އަހަރު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ވަރުގަދަ ޓީމެއް އެކުލަވާލައިފި އެވެ.

ރާއްޖެ ޓީމުގެ ޕްރިލިމިނަރީ ސްކޮޑް އެކުލަވާލައި އެފްއޭއެމް އިން ވަނީ ހޯމަ ދުވަހު 31 ކުޅުންތެރިންގެ ޓީމެއް އިއުލާނު ކޮށްފަ އެވެ. މި ސްކޮޑުގައި ރާއްޖޭގެ ނަން ފަވާލެވޭ ގިނަ ކުޅުންތެރިން ތަކެއް ތިބި އިރު، ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެކި ސަބަބު ތަކާހުރެ ނުކުޅެވުނު ކުޅުންތެރިން ވެސް މި ސްކޮޑުގައި ހިމަނާފައިވެ އެވެ.

އެގޮތުން ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ފުރުސަތު ގެއްލުނު ޔަސްފާދު ހަބީބު (މުލަކޭ)، ހަސަން ރާއިފް (ހަންނަ)، އިސްމާއިލް އީސާ (މެސީ) އަށް މިފަހަރުގެ ސްކޮޑުން ވަނީ ފުރުސަތު ދީފަ އެވެ. އަދި އަމިއްލަ ސަބަބަކާއި ހުރެ ޓީމާއި ދުރުގައި ހުރި ނާއިޒު ހަސަން (ދާދު) ވެސް މިފަހަރުގެ ޓީމުގައި ހިމަނާފައިވެ އެވެ.

އަދި 2018 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި އީގަލްސްގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިްސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) މި ފަހަރުގެ ސްކޮޑުގައި ހިމަނާފައި ވެއެވެ. އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 27 މާޗް 2018 ވަނަ ދުވަހުގެ ރޭ ބޫޓާނާއި ދެކޮޅަށް އޭޝިއަންކަޕް ކޮލިފައިންގައި ކުޅެން އޮއްވައި ވަރަށް ކުއްލި ގޮތަކަށެވެ. އޭރުގަ ގައުމީ ޓީމުގެ ވައިސް ކެޕްޓަން އަޑޭ ޓްވިޓާ މެދުވެރިކޮށް ކުއްލި ގޮތަކަށް މިނިންމުން ނިންމީ އޭރުގެ ގައުމީ ކޯޗު ޕީޓަ ސެގާޓާއި ޖެހުނު މައްސަލައެއްގައި ކަމަށް އަޑު ފެތުރުނެވެ.

އޭގެ ފަހުން ބޮޑު އަނިޔާއެއްގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު 34 އަހަރުގެ އަޑޭ އީގަލްސް އާއި ގުޅުނީ އޭއެފްސީ ކަޕާއި ދިމާކޮށް މިއަހަރުގެ މާޗް މަހުގަ އެވެ.

މިފަހަރުގެ ގައުމީ ސްކޮޑުގައި އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ 11 ކުޅުންތެރިން ޓީމުގައި ހިމެނިފައި ވާއިރު، ވާދަވެރި އީގަލްސްގެ ހަތް ކުޅުންތެރިން ވަނީ މިފަހަރުގެ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނާފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ޕްރިލިމިނަރީ ސްކޮޑް އެކުލަވާލާފައި ވާއިރު، މުބާރާތުގެ ކުރިން ރާއްޖޭގެ ޓީމު ޔޫއޭއީގައި ކޭމްޕް ކުރުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑް

  • މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)
  • އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ނޫމާން (ހެލްމެޓް)
  • ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)
  • ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު
  • ގްރީން ސްޓްރީޓްސް: ހަސަން ނަޒީމް (ޗޯޓު)، މުހައްމަދު ސާއިފު
  • ޓީސީ: އަލީ ޝާމިސް (ތޮއްޕޭ)، މުހައްމަދު އަޖުފާން
  • ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ)