ހައްދުފަނައެޅުން

އަފްޣާނަކަށް ރާއްޖެވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ: ޝަރީފް

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ހާއްޔެއްގެ ގޮތުގައި މަޝްހޫރު އަފްޣާނިސްތާނެކޭ އެއްގޮތަށް ރާއްޖޭގެ ހާލަތު ގޯސްވުމުގެ ކުރިން ފިޔަވަޅަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސަރުކާރަށް ގޮވާލައްވައިފި އެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލަށް މިއަދު ކުރި ބަހުސްގެ ތެރެއިން އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ވިދާޅުވީ ހަރުކަށި ފިކުރާއެކު ފާޅުގައި މީހުންނަށް އިންޒާރު ދިނުން މިހާރު ފެންނަން ފަށައިފައިވާ ކަމަށާއި އަދި މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ މިންވަރަށް ސިޔާސީ މީހުން ބިރުވެރިކަމަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ދިޔައީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ލާދީނީ ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ދެކޮޅު ނުޖެހޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުގެ ހާލަތަށް ރާއްޖެ ދިއުމުގެ ކުރިން މައްސަލައިގެ އަސްލު ފުންމިނަށް އަޅުގަނޑުމެން ދާން ޖެހޭ ކަމަށެވެ. އަދި ކުރިން ހަރުކަށި ފިކުރުގައި ޖެހިފައި ތިބި ބައެއް މީހުން ސަރުކާރުގެ އިސް މުއައްސަސާތަކުގައި މިހާރު ތިބިކަން ފާހަގަކުރެއްވި އެވެ.

".... އެ މީސްމީހުން އެތާ ތިބެގެން ކުރާ މަސައްކަތްތަކާ އެ މުއައްސަސާތަކުގައި ތިބެގެން މިހާރު ކުރަމުންދާ ކަންތައްތަކުގެ މައުލޫމާތު ސަރުކާރުގައި ނެތުމަކީ ސަރުކާރުގެ ފެއިލިޔާސް. މިތާ ތިއްބެވި ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހަރުކަށި ފިކުރާހެދި ވަޒީފާ ނުދިން ބައެއް މީހުން މިހާރު އެތިބީ ޖީލުތައް ހަލާކުކޮށްލެވޭ މަގާމުތަކުގައި" އާދަމް ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ކަންކަމާ ސަރުކާރުން އާޅާނުލައި ތިބުމުން ދެން ކަންތައްތައް ދިމާވެދާނެ ގޮތްތަކާމެދު ވިސްނާ ފިކުރުކުރުމަށް އާދަމް އިލްތިމާސްކުރެއްވި އެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދީން ގަބޫލުނުކުރުމުގެ މައްސަލަތަކާމެދު ފުންކޮށް ވިސްނައި ރާއްޖޭގޭ އާދަކާދައާ ސަގާފަތާއި މީހުން އުޅޭ ގޮތަށް ވިސްނައިގެން ހިކުމަތްތެރިގޮތަކަށް މަސައްކަތް ނުކޮށްފިނަަމަ އެފަދަ މައްސަލަތައް ހައްލު ނުވާނެކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އެފަދަ މައްސަލަތައް ގޯސްވެ ގާތުލު އާންމުތައް ހިންގަން ފެށާ ހިސާބަށް ދިއުމުން ބޭރުގެ އަސްކަރިއްޔާއިން ރާއްޖެއަރައި އަފްގާނިސްތާނަށް ހެދި ގޮތަށް ރާއްޖެ ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެން ހެދުމުގެ ކުރިން ސަރުކާރުން އެބަޖެހޭ ފިސާރި އަޒުމާއެކު މިހުރި މައްސަލަތަކުގެ މައްޗަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަން" އާދަމް ޝަރީފް ވިދާޅުވި އެވެ.