ޕީޕީއެމުން މިހާރު ގއ. އާއި ގދ. އަށް ފެށި ދަތުރުތަކުގައި ގދ. ފަރެސްމާތޮޑާއަށް ދިއުމުން އެ ޕާޓީގެ ޓީމުގެ މެމްބަރުންނާ ސަލާމްކުރި ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ފެނަކައިގެ މުވައްޒަފެއް ކަމަށްވާ ނަދީމް މުހައްމަދު މިއަދު އަވަސް އަށް މައުލޫމާތު ދެމުން ބުނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަކީ ކުރިން ވެސް ވަރަށް ގާތް ރައްޓެއްސެއްް ކަމަށާއި އެ ރަށުގެ ބަނދަރު މަތިން ފެނުމުން ސަލާމް ކުރި ކަމަށެވެ.
ނަދީމުއާއެކު އެވަގުތު ތިބި ނުވަ ވަރަކަށް މުވައްޒަފުން ވެސް ވަނީ ވަޒީފާއިން އެކަހެރިކޮށްފަ އެވެ.
ނަދީމް ބުނިގޮތުގައި އޭގެ ތެރެއިން ހަ މުވައްޒަފަކު ފަހުން ވަނީ އަނބުރާ ވަޒީފާއަށް ނެރެފަ އެވެ. އެ ހަ މުވައްޒަފުން އަލުން ވަޒީފާއަށް ނެރެފައި ވަނީ އެމްޑީޕީއަށް ސޮއި ކުރަން މަޖުބޫރު ކުރުވައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެމީހުން އަދި އެ ޕާޓީއަށް ސޮއި ނުކުރާ ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑުމެން ބަނދަރު މައްޗަށް ދިޔައީ ކޮންމެހެން ޕީޕީއެމް ބަޔަކު އަންނާތީއެއް ނޫން. ބުރެއް ޖަހަން ނުކުމެ އުޅެނިކޮށް އެމީހުން ފެނިގެން ސަލާމް ކޮށްލަން ދިޔައީ. އެމްޕީ ޝިޔާމަކީ އަޅުގަނޑުގެ ވެސް އަދި މިދާއިރާގެ މެމްބަރުގެ ވެސް ވަރަށް ގާތް ރައްޓެއްސެއް. އެތަން ފެނިގެން ކޮންމެސް ބަޔަކު ރިޕޯޓު ކުރީ ކަމަށް ވާނީ. އޭގެ ފަހުން ހަމަ އެރޭ، އަނެއް ދުވަހު ސައިޓަށް މަސައްކަތު ދާން ގަޑި އަހަން ގުޅާލީމަ ބުނެފި ގޭގަ މަޑުކޮށްލާށޭ،" އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ޝިޔާމް މިއަދު އަވަސް އަށް ވިދާޅުވީ ޕީޕީއެމުން ދިޔަ މެމްބަރުންނާ ފަރެސްމާތޮޑާ ބަނދަރުމަތިން ސަލާމް ކޮށްގެން މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދާ ހިލާފު ކަމެއް ކަމަށެވެ. ވަޒީފާ ދިނުމުގައި ވަކި ޕާޓީއަކަށް ނުބަލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
"އެމީހަކު ސަޕޯޓްކުރާ ވަކި ޕާޓީއަކަށް ނުބަލައި ވަޒީފާ ދޭނެ ކަމަށް މި ސަރުކާރުން ވައުދުވި. މިއަދު މި ފެންނަނީ ހިތާމަވެރި މަންޒަރެއް، ޝިޔާމް ވިދާޅުވި އެވެ.
މި މައްސަލާގައި ފެނަކައާ ގުޅުމުން ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން ސްޓޭޓްމަންޓެއް ނެރޭނެ ކަމަށެވެ.