ފަރެސްމާތޮޑާ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންތަކެއް ވަކިކުރީ އެމީހުން އެ ވަޒީފާއަށް ގާބިލު ނުވާތީ ކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން މިހެން ބުނެފައި ވަނީ ފަރެސްމާތޮޑާގެ ހަތަރު މުވައްޒަފަކު ޕީޕީއެމްގެ މެމްބަރުންތަކަކާ ސަލާމް ކޮށްގެން ވަޒީފާއިން ވަކި ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ފެނަކައިން ވަކިކުރި ހަތަރު މުވައްޒަފުންނަކީ ތިން މަސްދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން މަސައްކަތް ކުރަމުން ދިޔަ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބުނީ އެމީހުން ވަޒީފާއިން ވަކި ކޮށްފައި ވަނީ މަސައްކަތުގެ އަހުލާގާއި، ހަވާލު ކުރާ މަސައްކަތަށް ވެސް ގާބިލް ނޫން ކަމަށް ފެނިގެނެވެ.
"ސިޔާސީ އެއްވެސް މަގްސަދެއް ހާސިލް ކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން ފެނަކައިން އަރުވަން،" ފެނަކައިން މިއަދު ބުންޏެވެ.
ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކޮށްފައިވާކަން އެންމެ ފުރަތަމަ އާންމުކޮށް ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އެ މުވައްޒަފުން ވަކިކޮށްފައި ވަނީ ޕީޕީއެމުން ގއ. އާއި ގދ. އަށް ފެށި ދަތުރުތަކުގައި ގދ. ފަރެސްމާތޮޑާއަށް ދިއުމުން އެ ޕާޓީގެ ޓީމުގެ މެމްބަރުންނާ ސަލާމް ކުރުމުން ކަމަށް ވެސް ޝިޔާމް ވަނީ މިއަދު އަވަސްއަށް ވިދާޅުވެފަ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ފެނަކައިގެ 10 މުވައްޒަފަކު މަސައްކަތުން އެކަހެރި ކުރި ކަމަށާއި ނަމަވެސް ހަ މުވައްޒަފަކު އަލުން ވަޒީފާއަށް ނެރެފައިވާ ކަމަށް ވަކިކުރި މުވައްޒަފަކު އަވަސްއަށް މައުލޫމާތު ދީފައި ވެއެވެ. ވަޒީފާއަށް އަލުން ނެރުނު ހަ މުވައްޒަފުން، ވަޒީފާއަށް ނެރުނީ އެމްޑީޕީއަށް ސޮއި ކުރަން މަޖުބޫރު ކުރުވައިގެން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފެނަކައިން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.