ދުނިޔެ

ތުރުކީ ސިފައިން ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައިފި

Nov 24, 2015

ތުރުކީގެ ސިފައިން ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައިފިއެވެ. މި ބޯޓު ވައްޓާލާފައި ވަނީ ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިންނެވެ.

ރަޝިޔާއިން އެގައުމުގެ ޑިފެންސް މިނިސްޓަރީއާ ހަވާލާދީ ބުނެފައި ވަނީ އެސްޔޫ-24 މަރުކާގެ ހަނގުރާމަމަތީ ބޯޓު ސީރިޔާގެ އުތުރުގެ ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށާއި އޭގައި ތިބި ދެ ޕައިލެޓުން ބޯޓު ވެއްޓުމުގެ ކުރިން ވައިކުޑައިގާ ފުންމާލައިގެން ސަލާމަތް ވެފައިވާ ކަމަށެވެ. ބޯޓު ވެއްޓެން މެދުވެރިވީ ގޮތެއް ރަޝިޔާއިން އަދި ނުބުނެއެވެ.

ތުރުކީގެ އަސްކަރިއްޔާއިން ބުނީ ރަޝިޔާގެ ހަނގުރާމަމަތީ ބޯޓު ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުމުން ފުރަތަމަ އިންޒާރުކުރި ކަމަށެވެ. އެހެން ނަމަވެސް ޕައިލެޓުން އެކަމަށް އިޖާބަ ނުދިނުމުން ހަމަލަދީ ބޯޓު ވައްޓާލީ ކަމަށެވެ.

ތުރުކީގެ ނިއުސް އޭޖެންސީއަކުން ހާމަ ކުރި ވީޑިއޯ އަކުން މި ބޯޓު އެގައުމުގެ ލަޓަކިއާ ޕްރޮވިންސްގެ ފަރުބަދަތައް މައްޗަށް ވެއްޓޭތަން ފެނެއެވެ.
ރަޝިޔާއިން އެގައުމުގެ ގާތް އެކުވެރިޔާ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ދިފާއުގައި އިދިކޮޅު ހަނގުރާމަ ވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތައް ފެށީ ސެޕްޓެމްބަރު މަހުއެވެ. - ބީބީސީ