ވިޔަފާރި

ހަތް މިލިއަން ރުފިޔާ ކޮސްޓް ޝެއަރިން ސްކީމެއް ތައާރަފުކުރަނީ

  • މި ސްކީމަކީ ވިޔަފާރިތަކަށް ދެވޭ އެހީއެއް
  • ސްކީމް ތައާރަފު ކުރަން ހަމަޖެހިފައިވަނީ ޖެނުއަރީ މަހު

ވިޔަފާރިތަކަށް އެހީވާން އަންނަ އަހަރުގެ ޖެނުއަރީ މަހު ހަތް މިލިއަން ރުފިޔާ "ކޮސްޓް ޝެއަރިން ސްކީމެއް" ތައާރަފު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ މައުލޫމާތު ދިނުމަށް އެންޓަޕްރައިސް ޑިވްލޮޕްމަންޓް (އީޑީ) އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ކެޕޭސިޓީ ބިލްޑިން އެންޑް ވެލިއުޗެއިން ސްޕެޝަލިސްޓް އަހުމަދު މުންތާޒު ވިދާޅުވީ ކޮސްޓް ޝެއަރިން ސްކީމަކީ ކުރިން ވެސް ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި، މި ސްކީމްގެ ބޭނުމަކީ ވިޔަފާރިތަކަށް އިތުރު އެހީއެއް ދިނުން ކަމަށެވެ.

"މި ސްކީމަކީ އެހީ ބޭނުންވާ ވިޔަފާރިތަކުން ކޮންމެ ވެސް ވަރެއްގެ ކޮސްޓެއް ޝެއާ ކޮށްފައި އަޅުގަނޑުމެން އޭގެން އެއްޗެއް ދީގެން ކުރިއަށް ގެންދާ ފެސިލިޓީއެއް. މިވެސް ވަރަށް ކްލޯސްކޮށް މޮނިޓާ ކުރެވިގެންދާނެ. ވަރަށް ސަކްސަސްފުލް ވާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. މި ސްކީމް ވެސް އޭރިއާތަކަށް ފޯކަސް ކުރެވިގެން ގެންދާނީ،" މުންތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސްކީމަކީ ވިޔަފާރިތަކަށް ދެވޭ މުހިންމު އެހީއެއް ކަމަށެވެ.

"ކުރިންވެސް ޕްރެކްޓިސް ކޮށްފައި އޮތް ކަމެއް މިއީ. ނަމަވެސް އޭރު ދިމާވި ދަތިތަކަށް ބަލާފައި ރަނގަޅު ކުރަން ޖެހޭ ކަންކަން ވާނީ ރަނގަޅު ކޮށްފައި،" މުންތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީޑީ އުފެއްދުމާ ގުޅިގެން ލޯނުތައް ދޫކުރުން ހަރުދަނާކޮށް، އެޕްލިކޭޝަންތައް ވަރަށް ބޮޑަށް ބަލަމުންދާ ކަމަށެވެ.

"ބީއެމްްއެލްއިން ލޯނު ދޫކުރުމަށްފަހު އެ ބޭފުޅުންގެ އިންނަ މޮނިޓަރިން ނިޒާމުގެ ދަށުގައި ބަލެމުން ދަނީ. މިހާރު ވަރަށް ތަފާތު ވާނެ މި ގެންދެވޭ ގޮތް. ކުރިން ގެންދެވޭ ގޮތުން ވިޔަފާރި ކުރިއަރަމުންދާ ގޮތް ބެލިފައެއް ނެތް. އެހެންވީމަ އެ ބޭފުޅުން ކުރަންވާ ކަންތައްނޫން އެހެން ކަންތައް ކުރޭ. ނަމަވެސް އެ ބޭފުޅުން ބަރާރަށް ލޯނު ރިޕޭ ކުރޭ،" މުންތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހެންވުމުން ސަރުކާރުގެ އަމާޒަށް ދާން އެއްވެސް ފޯކަސް ކުރެވެމުން ނުދާ ކަމަށެވެ.

"ޖޮބް ކްރިއޭޓް ކުރުން. އިކޮނޮމީ ރަނގަޅު ކުރުން. މި ކަންތައްތަކަށް ފޯކަސްއެއް ނެތް ކުރެވިފައެއް. އެހެންނަމަވެސް އެންޓަޕްރައިސް ޑިވްލޮޕްމަންޓުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބަށް ދޫކުރާ ލޯނުތައް މޮނިޓާ ކުރުމުގެ ވިއުގައެއް މި އޮތީ ގާއިމް ކުރެވިފައި،" މުންތާޒު ވިދާޅުވި އެވެ.