ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކަށް އަލުން ކަރަންޓު ދީފި

Aug 24, 2021

ހިޔާ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު މިއަދު އަލުން އެ ހިދުމަތް ދީފި އެވެ.

ސްޓެލްކޯ އިން މިދިޔަ ހޮނިހިރު ދުވަހު ބުނި ގޮތުގައި ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުން މެދުކަނޑާލީ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެނެވެ. އެގޮތަށް ނިންމީ އެޗްޑީސީއާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.

ލިފްޓްތައް ކޮމިޝަން ކުރަން އެޗްޑީސީން ނިންމީ ހިޔާ ފްލެޓުތަކުގެ ލިފްޓެއްގެ ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެނެވެ. ނަމަވެސް އެޗްޑީސީއާއި ސްޓެލްކޯ އިން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ.

ލިފްޓްތައް ކޮމިޝަންކޮށް ނިމުމުން މިއަދު އަލުން ކަރަންޓް ދޭން ފަށާފައި ވަނީ ހިޔާގެ 15 އަދި 16 ވަނަ ޓަވަރުގައި ކުރިން ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށެވެ.

ސްޓެލްކޯއިން ގެންދަނީ އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކަށް ކަރަންޓް ދެމުންނެވެ. ފްލެޓްތަކަށް ކަރަންޓު ދެވޭ ވަރުން އެޗްޑީސީން ދިޔައީ ފްލެޓް ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ފްލެޓަށް ހާޒިރުވާން ޖެހޭ ގަޑި ވެސް އަންގަމުންނެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނަށް މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ތަޅުދަނޑި ހަވާލު ކުރަމުން ދާއިރު އެތަންތަނުގައި ދިރިއުޅެން ފެށުމުގެ ކުރިން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެ ވެ. އެކަމަށް މި އަހަރުގެ ނިޔަލަށް އެޗްޑީސީން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.