ވަކި ޕްރޮޖެކްޓަކަށް ބިން ހިއްކަން ނަގާ ވެލި އެ ނޫން އެހެން ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުން އާންމު ވެފައިވާތީ ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޑޭމް އިން މިއަދު ވަނީ ވެލި ނަގައިގެން އެހެން ޕްރޮޖެކްޓްތަކުގައި ބޭނުންކުރުން ހުއްޓުވައި އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލާފައެވެ.
ޑޭމް އިން ބުނީ ރާއްޖޭގައި ބިން ހިއްކުމުގެ ޕްރޮޖެކްޓްތައް ހިންގަންވީ ގޮތް ކަނޑައަޅާފައި އޮންނަނީ އެ ޕްރޮޖެކްޓެއްގެ އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި ކަމަށެވެ. ނަމަވެސް ބައެއް ޕްރޮޖެކްޓްތަކުގައި އީއައިއޭ ރިޕޯޓުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެގޮތުން ވަކި ޕްރޮޖެކްޓަކަށް ނަގާ ވެލި އެ ޕްރޮޖެކްޓާއި ގުޅުމެއް ނެތް އަދި އެހެން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުން ކުރުން އާންމު ވެފައިވާއިރު އެއީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ހުއްދަ ދޭ ކަމެއް ވެސް ނޫން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
"ކޮންމެ ޕްރޮޖެކްޓަކަށް ވެސް ވެލި ނަގަންވީ ވަރު ކަނޑައަޅާނީ ހިއްކާ ސަރަހައްދަށް ބަލާފައި މަސައްކަތް ފެށުމުގެ ކުރިން ޖީއެންއެސްއެސް އަދި ހައިޑްރޯގްރަފިކް ސާވޭ ހަދާފައި. އެހެންކަމުން ކޮންމެ ޕްރޮޖެކްޓަކަށް ވެސް ނަގާ ވެލި، އެއީ ސީދާ އެ ޕްރޮޖެކްޓަކަށް ބޭނުން ކުރެވޭ ވަރަށް ނަގާ އެއްޗެއް. އީޕީއޭ އިން ހުއްދަ އެއް ނުދޭނެ ވަކި ޕްރޮޖެކްޓަކަށް އެ ޕްރޮޖެކްޓަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެލި ނަގައިގެން އެހެން ރަށެއްގައި އޮންނަ ޕްރޮޖެކްޓަކަށް އެ ވެލި ބޭނުން ކުރުމަކަށް،" ޑޭމް އިން ބުންޏެވެ.
ޑޭމް އިން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އަތޮޅުތަކާއި ރަށްތަކުގެ އިން ކަނޑައެޅިފައިވާއިރު އެ އަތޮޅެއްގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއަކަށް ނަގާ ވެލި އެހެން އަތޮޅެއްގައި ހިންގާ ޕްރޮޖެކްޓަކަށް ގެންދާއިރު ވެލި ނެގި އަތޮޅުގެ ކައުންސިލުގެ ހުއްދަ ބޭނުން ވާނެ ކަމަށެވެ.
"އީޕީއޭ އިން ހުއްދަ ދީފައިވާ ގޮތަށް ޑްރެޖިން ޕްރޮޖެކްޓެއް ހިންގާ ނަމަ، އެހެން ޕްރޮޖެކްޓަކަށް ބޭނުން ކުރެވޭ ވަރަށް ވެއްޔެއް ނުނެގޭނެ. އެއީ ކޮންމެ ޕްރޮޖެކްޓަކަށް ވެސް ވެލި ނެގުމުގެ ހުއްދަ އޮންނާނީ ސީދާ އެ ޕްރޮޖެކްޓަކަށް ބޭނުން ވަރު ބެލުމަށް ފަހު އެ ވަރަށް އެކަނި،" ޑޭމް އިން ބުންޏެވެ.
ޑޭމް އިން އިތުރަށް ބުނީ ޕްރޮޖެކްޓް ނިންމާފައި ކޮންޓްރެކްޓަރު ދާއިރު އީއައިއޭ ރިޕޯޓާއި ހިލާފަށް އެ ސަރަހައްދުގައި ބޮޑު ވެލި ފުންޏެއް ޖަހާފައި ގޮސްފިނަމަ އެއީ އެންވަޔަރަމަންޓް ޑެމޭޖް ލައިބިލިޓީ ރެގިއުލޭޝަންގެ ދަށުން އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށެވެ.
އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގާނޫނުތަކާއި ހިލާފަށް ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބަލައި، އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާތަކަށް ޑްރެޖިން އެސޯސިއޭޝަނުން ގޮވާލަ އެވެ.