ވާހަކަ

މިލްކުވާނެބާ

( 7 އޮކްޓޯބަރ 2024 އާ ގުޅޭ )

ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ރާހިން ކޮޓަރީން ނުކުތް ގޮތަށް މާޔާ އޭނާގެ ގާތަށް ގެނަ އެވެ. ކާހިތް ނެތްކަމުގައި މާޔާ ބުނުމުން ވެސް ރާހިން އެދުނީ މަޑުކޮށްލަ ދިނުމަށެވެ. އެހެންވެ ރާހިން ކައި ނިމެންދެން މާޔާ އިނެވެ. އެ ހުރިހާއިރު އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެ އެވެ.

"މާދަމާ ރޭ މާޔާ އަހަރެންނާ އެންގޭޖްވާނެ. އެބައޮތްތަ މާޔާ ބުނަން ބޭނުންވާ އެއްޗެއް." ރާހިން އަހާލި އެވެ. އޭނާގެ ހިތުން މާޔާއަށް އަދިވެސް އެއް ފުރުޞަތު ދިނީ އެވެ. އެ ކައިވެނި ކުރާން މާޔާ ނޭދޭނަމަ އެ ވާހަކަ ބުނަނޭ ފުރުޞަތު ދިނީ އެވެ.

ވަރަށް ވެސް ފުން އެހާމެ މާނަވީ ބަލާލުމަކުން ރާހިންއަށް މާޔާ ބަލާލި އެވެ. ދެ މީހުންގެ ނަޒަރު ސީދާވެލި އެވެ. ރާހިންއަށް ދަތްތައް ބާރުކޮށްލެވުނެވެ. އޭނާއަށް މާޔާގެ ދެ ލޮލުން ފާޅުވާ ޝުޢޫރުތައް ނަގައިގަންނަން އެނގެނީ އެވެ. އެ ދެ ލޮލުން ރާހިންގެ ގާތުގައި އާދޭސްކުރާ ފަދަ އެވެ.

"މާޔާ... އަހަރެމެން ކައިވެނި ކުރަން އުޅޭއިރު މާޔާގެ ޚިޔާލެއް ވެސް އެނގެން ބޭނުން. ހުރިހާކަމެއް ހަމަޖެހެމުންދާއިރު މާޔާ ބޭނުންވާގޮތެއް ވެސް އޮންނާނެއެއްނު." ރާހިން ބުނެލި އެވެ. އޭނާ އެދެނީ މާޔާގެ ދުލުން އެ ހިތުގެ ހާލު ބަޔާންކުރާ އަޑު އަހަން ކަހަލަ އެވެ.

"މީ... ރާހިން ނިންމާނީ ރަނގަޅަށް." މާޔާއަށް ބުނަންވީ ކީކޭކަމެއް ނޭނގި އިނދެ ކޮންމެވެސް އެއްޗެއް ބުނެލީ އެވެ. ރާހިންގެ ހިތްހަމަޖެހުމަށެވެ.

މާޔާ ދިން ޖަވާބުން ރާހިން ވާހަކަ ކުރިޔަކަށް ނުގެންދިޔަ އެވެ. މާދަމާ މެންދުރު ރާހިންއާއެކީ ދާން ތައްޔާރުވެގެން ހުންނަން ބުނެލަމުން ކާމޭޒުދޮށުން ރާހިން ތެދުވި އެވެ. މޭޒުމަތީ ހުރި ތަށިތައް އެއްކޮށްލައި އެ ހިފައިގެން އޭނާ ވަނީ ބަދިގެ ތެރެއަށެވެ. މިފަހަރު މާޔާގެ މޫނުގައިވާ އަސަރުތައް ދުށުމުގެ ޝައުގުވެރިކަމެއް ރާހިންގެ ނެތް ކަހަލަ އެވެ. ހަރަކާތެއް ކުރާން ނޭނގިފައި މާޔާ އިންގޮތަށް އިނީ އެވެ. ތަށިތައް ދޮންނަ މެޝިނަށް ތަށިތައް ލާފައި ރާހިން މަޑުކުރުމެއްނެތި ދިޔައީ ކޮޓަރިއަށެވެ. މާޔާ އެ ދިމާއަށް ބަލާލި އެވެ.

"ވަޓް ޑޫ ޔޫ އެކްސްޕެކްޓް މީ ޓު ސޭ." ރާހިންގެ ކޮޓަރިއާ ދިމާއަށް ބަލަހައްޓައިގެން އިނދެ މާޔާ މަޑުމަޑުން ބުނެލި އެވެ.

"އިޓްސް ޔޯ ފޯލްޓް. އިޓްސް ޔޯ ފޯލްޓް." ގޮނޑީގައި އިނދެ ކުރިޔަށް ގުދުވެލުމާއެކު މާޔާ މޫނުގައި ދެ އަތްއަޅައި ފޮރުވާލި އެވެ. އޭނާ ކުށްވެރި އެކުރަނީ އިޒީކިއަލް އެވެ. އެންމެ ފަހުވަގުތު އިޒީކިއަލް ދެއްކި ވާހަކަތައް މާޔާގެ ހިތާއި ސިކުނޑިން ނެރި އެއްލައެއް ނުލެވުނެވެ. މެދުކެނޑުމެއްނެތި އިޒީކިއަލްގެ އަޑު ކަންފަތުގައި ހަރުލާފައިވާ ކަހަލަ އެވެ. އިޒީކިއަލް ލޯބިވާކަން ހާމަނުކުރިނަމަ މާޔާއަށް ރާހިންއާއެކު ކުރިޔަށްދާން މިހާ އުނދަގުލެއް ނުވީހޭ ޚުދު މާޔާގެ ޟަމީރު ބުނެ އެވެ. ރާހިންގެ ހުށަހެޅުން ޤަބޫލުކޮށް ރާއްޖެއާ ދުރަށް އޭނާ އައި ނަމަވެސް މާޔާގެ ހިތް އަދިވެސް އޮތީ މާލޭގަ އެވެ. އިޒީކިއަލްއާ އެތައްގޮތަކަށް ގުޅިލާމެހިފަ އެވެ. އަބަދު އޭނާގެ ހިތް ބުނަނީ ދަރިފުޅާއި އިޒީކިއަލްގެ ގާތަށް އެނބުރި ދިއުމަށެވެ.

"ހައިކްއަށް އަހަރެންނަކީ ކާކުކަން ނުވެސް އެނގޭ. ގަދަކަމުން ހައިކް ހޯދައިގެން އެ ދަރިފުޅު އަހަރެންނަށް ނަފުރަތުކޮށްފިއްޔާ. އިޒީކިއަލްގެ ކައިރީ ހުންނަން ހައިކް ބޭނުންނަމަ ދެން ކިހިނެއްވާނީ... ރާހިންއަށް ކިހާވަރެއްގެ ޔަގީންކަން އޮތީ އަހަރެންނަށް ހައިކް ލިބޭނެކަން. ކޯޓަށް ގޮސްފިއްޔާ ހައިކްއަށް އެކަމުން ބޮޑު އަސަރެއްކުރާނެ. އިޒީކިއަލްއާ ދުރުކޮށްގެން އަހަރެންނަށް އެ ދަރިފުޅުގެ ލޯބި ހޯދިދާނެތަ. ރާހިންއަކީ ރަނގަޅު މީހެއް އެކަމަކު އެއީ ހައިކްގެ ބައްޕައެއްނޫން. އަހަރެމެން ކައިވެނި ކުރިޔަސް ރާހިންއާ މެދު ބައްޕައެއްގެ ނަޒަރުން ހައިކް ނުދެކޭނެ. ކަންކަން އެނގެން ފެށީއްސުރެ ހައިކް ބޮޑުވީ އިޒީކިއަލްގެ ކައިރީ ހުރެ. އެކުއްޖާ ޤަބޫލުކުރާނީ ވެސް އިޒީކިއަލް ދައްކާ ވާހަކަ." މާޔާ ވިސްނިވަރަކަށް ބޯ ހާސްވަނީ އެވެ. ރާހިންއާ ކައިވެނި ކުރުމަކީ ހުރިހާކަމެއްގެ ހައްލު ކަމުގައި މާޔާއަށް ޤަބޫލުނުކުރެވެނީ އެ ސަބަބުތަކާ ހެދި އެވެ. މާޔާ ބޭނުމީ ދަރިފުޅުގެ ދިރިއުޅުމުން ޖާގައެކެވެ. އެ ކުއްޖާގެ ހަޔާތުގައި އޭނާ ޝާމިލްވާށެވެ. މަންމަގެ ގޮތުގައި ހައިކް އޭނާ ބަލައިގަންނާށެވެ. ރާހިންއާ ކައިވެނި ނުކޮށް ވެސް އެކަން އޭނާއަށް ވެދާނޭކަން އިޒީކިއަލްވަނީ އޭނާއަށް ވިސްނައިދޭން މަސައްކަތްކޮށްފަ އެވެ. އެހެންވިޔަސް ރާހިންއަށް ނޫނެކޭ ބުނާނޭ ހިތްވަރެއް މާޔާގެ ނެތެވެ. އިޒީކިއަލްގެ ގާތަށް އެނބުރި ގޮސްގެން އިތުރު ހިތްދަތިކަމެއް ލިބިދާނޭކަމުގެ ބިރު މާޔާއަށް އޮތީ އެވެ.

ކާމޭޒުގެ ގޮނޑީގައި މާޔާ އެ އިންގޮތަށް ވަރަށް ދަންވަންދެން އިނެވެ. ކޮޓަރިއަށް އޭނާ ދިޔަ ނަމަވެސް އަވަހަކާ ނުނިދޭނެކަން މާޔާއަށް އެނގެ އެވެ. ބާރުމިން ލަފާކުރާން ވެސް ނޭނގޭ ވަރަށް މާޔާގެ ހިތް ތެޅެމުން އައީ ވަގުތު ކުޑަތަންވަމުން އަންނާތީ އެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ ބޮލުގައި ރިހެންފެށީ ފިކުރުތައް އިންތިހާއަށް ގޮސްގެންނެވެ.

* * * * *

ރުޅިމޫނު ދައްކައިގެން އިން ފައިނާނުގެ ގާތުގައި ސޯފާގައި ޒާހިލް އިށީނެވެ. އެއާއެކު އިތުރަށް ފައިނާނުގެ ދެ ބުމަ ގޮށްޖަހާލަމުން މޫނު ކުނިކޮށްލީ އެވެ.

"ކިހާއިރެއްވަންދެން ފަންނަ ތިހެން އިންނާނީ. ހަމަތެދެއް މިބުނީ. މިޔާ ވީތަނެއް ނޭނގެ. އޭނާ މާލެއަކު ވެސް ނެތް." ޒާހިލް ބުންޏެވެ.

"މިޔާ އަހަރެން ކައިރީ ނުބުނެ މެރީއެއް ނުކުރާނެ. އެހެންނޫނަސް އޭނާ ކޮންތާކުން ކުއްލިއަކަށް އިންނާނޭ މީހަކު ހޯދީ... އަހަރެންނަށް އެނގޭ މިޔާގެ ބީއެފްއެއް ނުހުންނަކަން. އޭނާ އަދި ރިލޭޝަންޝިޕަކާ މެދު ނުވިސްނާ. ޖޮބު ހަމަޖެހިގެން އޭނާގެ ނިއު ޕްރޮޖެކްޓްގައި ނުލާހިކު ބިޒީކޮށް އުޅެނީ. ކާކު ޒާހިލް ކައިރީ ދައްކައިގެން އުޅޭ ވާހަކައެއް... އިޒީކިއަލްތަ؟. އޭނާ އަދިވެސް މިޔާގެ ނަމަށް ހުތުރު އަރުވަން މަސައްކަތް ކުރަނީތަ؟." ފައިނާނު އެއްފައްޗަކަށް އަމުނާލި އެވެ.

"ފަންނައަކަށް އެކައްޗެއް ވެސް ނޭނގޭ. އަހަރެން ކީއްކުރަން ފަންނައަށް ދޮގުތަކެއް ހަދަންވީ. ފަންނަ ގޮވައިގެން ދޯ އަހަރެން ދިޔައީ ތި މީހުން އުޅުނު އެޕާޓްމެންޓަށް. އެތާކުން މިޔާއެއް ނުފެނުނެއްނު. ރާހިންއަކީ އޭނާ އުޅޭ އޮފީހުގެ ބޮޑުމީހާ. އަހަރެންނަށް ހީވަނީ ފަންނަހެން މިޔާ ބެސްޓްފްރެންޑަށް ހަދައިގެން އުޅެނީ. އޭނާ ފަންނައާ މެދު އެ ގާތްކަމެއް ނެތް ގައިމު ވެސް... އެހެންނޫންނަމަ ފަންނައަށް އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭނެ. ފަންނައަށް އެނގޭތަ މިޔާ ކައިވެންޏެއް ކުރިކަން. އެއީ ކާކުކަން." ހަޤީޤަތް ހާމަކުރާން ޒާހިލް ތައްޔާރުވެލި އެވެ.

"އަހަރެމެން ދިމާވީ ވަރަށް ގިނަ އަހަރުތަކަށް ފަހު. އަހަރެން ވަރަށް ސަޕްރައިޒްވި... މިޔާއަށް އެނގޭނެ އަހަރެންގެ ދިރިއުޅުން ވަރަށް ރަނގަޅަށް. އަހަރެންގެ ބައްޕަގެ ގޮތް ވެސް... އެކުވެރިކަން އޮވެ މަޑުމަޑުން ދެ މީހުން ދުރުވަމުން ދިޔައީ އަހަރެންގެ ސަބަބުން. އަހަރެންނަށް އެނގޭ މިޔާއާއި އަހަރެންނާ ދެ މީހުންނަކީ މުޅިން ތަފާތު ދެ ބެކްގްރައުންޑަކުން އައިސް ތިބި ދެ މީހުންކަން. އެތައް އަހަރެއްފަހުން މިޔާ އަހަރެން ހޯދަން ގެއަށް އައީ... މިޔާ އަހަރެން އުޅޭ ގެއަށް އައީމަ އެނގުނީ އޭނާ ދާނޭ ތަނެއް ނެތްކަން. މިޔާގެ ބައްޕަ މަރުވިކަން ވެސް އެނގުނީ އެހިސާބުން. ލުހާމާއި ދޮންތަ ވެސް އޭނާއަށް ދޯކާ ދިނީ. ގެއަށް ވެރިވެ މިޔާ ގެއިން ވެސް ނެރިލީ. އެންމެ އެއްކޮށް އުޅެމުން ހަތޫނާއި ލުހާމް ގުޅިގެން ކުރީ ހުތުރުވެގެންވާ ކަމެއް. ނުލަފާކަމެއް އެމީހުންނަށް ދެއްވާފައި ތިބި ބައެއް އެއީ... މިޔާ އަހަރެންގެ ކައިރީ ހަފްތާއެއްހާ ދުވަސް ހުރީ. އޭނާ ކަމަކާ ވަރަށް ދެރަވެފައި ހުންނަނީ. ވަރަށް ރޯތަން ވެސް ދުށީން. އެކަމަކު އަހަރެން އެހިޔަސް ކިޔައެއްނުދޭ. ބުނާނެ ދިރިއުޅުމާމެދު ވިސްނެނީއޭ... ފަހުން ކިޔާދޭނަމޭ... އެކަމަކު އެބުނާ ފަހެއް ނައި. އެއް ރޭ ބައްޕަ ގެއަށް އައިރު ހުރީ ހަމައިގައެއްނޫން. މިޔާއާ ދިމާއަށް ވަރަށް އެއްޗެހި ގޮވި. އަހަރެންނަށް ވަރަށް އަނިޔާ ވެސް ކޮށްލި... މިޔާ ގެއިން ނެރޭށޭ ވެސް ގޮވި. އެރޭ ފަތިސްވަންދެން މިޔާ އަހަރެންގެ ކައިރީ ހޭލާ އިން. އެރޭ އޭނާ ދެއްކީ އަހަރެން އެކަނި އުޅެވޭނޭ ގޮތެއް ހޯދަންވެއްޖެކަމަށް. ބައްޕައާ ދުރަށް މިނިވަން ދިރިއުޅުމަކަށް އަހަރެން ދާންވީކަން. އަހަރެން ބުނިން އަހަރެންނަކަށް ނެތޭ އެކަހަލަ ފުރުޞަތެއް. އަމިއްލަ ގެއިން ނުކުމެ ކުއްޔަށް އުޅޭ ވަރަށް އަހަރެންނަކަށް ނުލިބެޔޭ. ކިރިޔާ ވެސް ގޮތެއް އޮތްނަމަ ބައްޕަ ފެންނަ ހިސާބުގައި ހުންނާކަށް ވެސް އަހަރެން ބޭނުމެއް ނުވެޔޭ ބުނީން. ދެންވީ އެހެން ގޮތެއް... މިޔާ އަހަރެމެން ގެއިން ނުކުތީ. އަހަރެންގެ އެކައުންޓަށް ލައްކައިން ފައިސާ ޖަމާކޮށްދީފައި ހުރި. އެ ފައިސާއިން އަހަރެން ހުޅުމާލޭގައި ހުރި އެޕާޓްމެންޓް ގަތީ. މިޔާގެ ފޯނަށް ގުޅުނު އަދަދެއް ނޭނގޭ. އޭނާ އަހަރެންނަށް ކުރީ މެސެޖެއް. ބުނީ މިނިވަންކަމާއެކު ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އެ ފައިސާއަށް ހޯދާށޭ. ހެޔޮހިތުން އޭނާ ދިން ހަދިޔާއެއްކަމުގައި ޤަބޫލުކުރާށޭ. މިޔާ ދިޔައީ ކޮންތާކަށްކަމެއް ނޭނގޭ... ކޮންމެވެސް ދުވަހަކުން މިޔާގެ ޚަބަރެއް ވެދާނޭ ކަމަށް ބަލާފައި އަހަރެން އަބަދުވެސް އައީ ފޯނު ބަލަމުން. އޭނާގެ ފޯނުކޯލަކަށް އިންތިޒާރު ކުރަމުން. އެހެންހުއްޓާ 5 އަހަރު ފަހުން ކުއްލިއަކަށް ގުޅާފައި ބުނީ އަހަރެންގެ ކައިރިޔަށް އަންނަ ވާހަކަ. އަހަރެންގެ ކައިރީ ހުރެވިދާނެތޯ. އެހިސާބުން އެނގުނީ އޭނާ ހުރީ ރާއްޖޭން ބޭރުގައިކަން. ބުނީ މާލެ އަންނަނީކަމަށް. އައިސް އަހަރެންގެ ކައިރީ ހުންނަން ބޭނުންވާ ވާހަކަ... ދެޓްސް އިޓް. ވަރަށް ގިނަ ސުވާލު އަހަރެން ކުރީން. އެދެވޭ ޖަވާބެއް ނުލިބޭ. ބުނީ ގާތް ރައްޓެއްސަކާއެކު ޑުބާއީގައި އުޅުނު ވާހަކަ... ޒާހިލް ތިބުނަނީ ތެދެއް. އަހަރެންނަށް އަހަރެންގެ ބެސްޓީއެއް ނޭނގުނު. އޭނާގެ ލައިފްގައި ހިނގާ ކަންކަމެއް އަހަރެންނަކަށް ނޭނގޭ... މިޔާ އަހަރެންނަށް ޓްރަސްޓް ނުކުރަނީތަ؟. ޝީޒް ލައިކް އަ ސިސްޓަރ ޓު މީ. ވަރަށް ލޯބިވޭ މިޔާދެކެ. އަހަރެންނަށް ވަރަށް ގިނަ ގޮތްގޮތުން އެހީވި. އެކަމަކު އަހަރެންނަށް އެ ފުރުޞަތެއް އޭނާ ނުދިން. އަހަރެން ވެސް ބޭނުން މިޔާއަށް އެހީވާން." ފައިނާނުގެ ފަހު ޖުމްލައާއެކީ އޭނާ ޒާހިލްއަށް ބަލާލިއިރު އެ ދެ ލޯ ފުރިފައިވީ ކަރުނުންނެވެ. ފައިނާނަށް ވެސް މިހާރު އިޙްސާސް ކުރެވެނީ ޒާހިލްގެ ވާހަކައިގެ ތެދުކަމެވެ. އޭނާ ކިތަންމެ ގާތްކޮށް ދުށްކަމުގައި ވިޔަސް މިޔާ އެފަދައިން އޭނާ ނުދެކޭކަމެވެ.

"ފަންނައަށް ޓްރަސްޓް ނުކުރާނަމަ މިޔާ ނުގުޅާނެ އެނބުރި އަންނަމުން. އަހަރެން ކިޔައިދެންތަ ވާހަކައެއް. އަހަރެންނަށް ވެސް މިޔާގެ އެ ހަޤީޤަތް އެނގުނީ އޭނާ މާލެ އައިފަހުން. އިޒީކިއަލްގެ ފަރާތުން." ފައިނާނުގެ ކަނާއަތްތިލަ ނަގައި ޒާހިލްގެ ދެ އަތުގެ ތެރެއަށްލައި ހިފަހައްޓާލައިގެން އިނދެ އޭނާ ވާހަކަދެއްކި އެވެ.

"ފަންނަ އަހަރެންނަށް މަޢާފު ކުރާނަންތަ؟." ޒާހިލްގެ ފުށުން ޖެހިލުންވުން ފާޅުވެގެން އައެވެ.

"އަހަރެން ޒާހިލްއަށް މަޢާފްކުރީމެންނު." ފައިނާނު ނިކަން އަވަހަށް ބުންޏެވެ.

"މީ އަހަރެން ނުބުނާ ވާހަކައެއް... އަހަރެން ބޭނުމެއްނޫން ފަންނަގެ ޓްރަސްޓް ގެއްލޭވަރުކަމެއް ކުރާކަށް. އަހަރެން ބިރުގަތީ ފަންނައަށް ހަޤީޤަތް އެނގިއްޖެއްޔާ އަހަރެންނާ ވަކިވުމުގެ ޚިޔާލު ކޮށްފާނެތީ. އަހަރެން ފަންނަ ބޭނުން. މި ދަރިފުޅާއެކު." ފައިނާނުގެ ބަނޑުގައި ޒާހިލް އަތްޖައްސާލި އެވެ.

"މިހާރު ޒާހިލް ތި އަހަރެން ބިރުގަންނަވަނީ. އަހަރެންނަށް ވަޢުދުވެފައި ޒާހިލް އެހެން އަންހެނެއް ކައިރިޔަށް ދިޔައީތަ؟." ފައިނާނަށް އަހާލެވުނެވެ.

"ނޫން. އެކަހަލަ ކަމެއް ނޫން. ފަންނަ ޖަލަށް ދާންޖެހުނީ އަހަރެންގެ ސަބަބުން. އެނގޭތަ ކީއްވެކަން؟. ތީ މިޔާއަށް ކިހާ މުހިންމު މީހެއްތޯ ބަލާލީ. އިޒީކިއަލްގެ އެދުނީތީ އަހަރެންނާއި އަރްހަމް ވެސް އޭނާގެ އެ ޕްލޭންގައި ބައިވެރިވީ. ފަންނައަށް ވެސް އޮޅުވާލީ... އެކަމަކު މިޔާއަށް އެނގުނު. އޭނާ އިޒީކިއަލް ކައިރިޔަށް ދިޔަ ފަންނަ ސަލާމަތްކުރަން. އިޒީކިއަލް ބޭނުންވީ މިޔާގެ މައްޗަށް ބާރު ފޯރުވަން. ފަންނަ ސަލާމަތްވީ އިޒީކިއަލްގެ ޑީލްއަށް މިޔާ އެއްބަސްވެގެން." ޒާހިލް އިނީ ހާސްވެފަ އެވެ.

"ކޮން ޑީލްއެއް؟" ފައިނާނަށް ދެ ބުމަ ކައިރިކޮށްލެވުނެވެ.

"ނޭނގެ. އެއީ އިޒީކިއަލްއާއި މިޔާއާ ދެމެދު އޮތަކަމެއް. އަހަރެމެން ކައިރިއަކު އިޒީކިއަލް ނުބުނޭ." ޒާހިލް ބުންޏެވެ.

"ރިއަލީ... ތިހެން ބުނީމަ ޤަބޫލުކުރަންވީ." ފައިނާނަށް ބުނެވުނެވެ. އެ އަޑުގައި ހިތްހަމަނުޖެހުންވި އެވެ.

"ހަމަތެދެއް މިބުނީ. ފަންނަ ޕްލީޒް ލިސެން. މިޔާއާއި އިޒީކިއަލްއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް." ޒާހިލް ބުންޏެވެ.

އިޒީކިއަލްއާއި މާޔާއާ ދެމެދު އޮންނަނީ ކޮންކަހަލަ ގުޅުމެއްކަން ފައިނާނަށް ޒާހިލް ކިޔާދޭން ފެށި އެވެ. އިޒީކިއަލް ވަރި ކުރުމުން މާޔާ ދިޔައީ ކޮންތާކަށް ކަމެއް އަދި އޭނާ ފަސް އަހަރު ވަންދެން އުޅުނީ ކިހިނެއްކަމެއް އިޒީކިއަލްއަށް ނޭނގޭކަން ޒާހިލް ބުންޏެވެ. އަދި ސޫޒަން ކަންތައް ކުރި ގޮތާއި ކުއްލިއަކަށް ރާހިން ފާޅުވެ މާޔާއާއި އިޒީކިއަލް އަލުން ގުޅުމަށް ހުރަސް އެޅި ގޮތް ވެސް ޒާހިލް ކިޔާދިނެވެ.

"ރަނގަޅު... ހީ ޑިޒާވް އިޓް. އަހަރެން ނަމަވެސް އިޒީކިއަލްއަށް ޓްރަސްޓެއް ނުކުރާނަން. އޭނާއަށް ގިލްޓީވާން އެނގުނީ އަދިކިރިޔާތަ. އެއީ ހަމަ ކުށްވެރިއެއް... މަންމައެއްގެ އިޙްސާސް އެނގޭނީ މަންމައަކަށް ވީމަ. ޒާހިލްއަކަށް ވެސް ނޭނގޭނެ އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅަށް ޓަކައި އަހަރެން ވިސްނާ ފިކުރުކުރާ ވަރެއް. މި ދަރިފުޅު ދުށުމަށް ކުރާ އިންތިޒާރެއް. ސަލާމަތުން މި ދުނިޔެއަށް މި ކުއްޖާ އުފަންވާން އެދި ދުޢާ ކުރާވަރެއް. އެންމެ ދެރައެއްނޫން އިޒީކިއަލްގެ ފަރާތުން މިޔާ ތަޙައްމުލު ކުރަމުން އެއައީ. އިޒީކިއަލް އޭނާ ނޭވާލާނޭ ފުރުޞަތެއް ވެސް ނުދިން. މިޔާ، މާޔާއަށް ބަދަލުވާން މަޖުބޫރުކުރީ... އަޅެ ކީއްވެތަ މިޔާ އެއްވެސް ވާހަކައެއް އަހަރެންނަށް ކިޔާ ނުދިނީ." ފައިނާނަށް ދެ އަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އޭނާގެ ކުރިމަތީ ޒާހިލް ކުޑަކަކޫ ޖަހާލި އެވެ. އޭނާ އެގޮތް މިގޮތުން ފައިނާނު ރުއްސުމުގެ މަސައްކަތް ފެށި އެވެ.

* * * * *

އިރުއޮއްސުމާ ކައިރިވަމުން އައިއިރު ވެސް އޮފީހުން ނުކުންނަން ބޭނުންނުވެފައި އިޒީކިއަލް އިނެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އޭނާގެ ނަޒަރު ފަންގިފިލާއަށް ހުއްޓާލައިގެން އިނދެ މަޑުމަޑުން ދެ ފަރާތަށް ގޮނޑި އަނބުރަމުން ދިޔަ އެވެ. ކޮންމެވެސް ޚިޔާލަކަށް އޭނާ ގެއްލިފައި އިން ކަހަލަ އެވެ. އޭނާ ހަޤީޤަތުގެ ތެރެއަށް ގެނުވީ ކުއްލިއަކަށް ހުޅުވިގެން ދިޔަ ދޮރެވެ. ބަލާލިއިރު އެތެރެއަށް ވަދެގެން އަންނާތީ ފެނުނީ ޒާހިލް އެވެ.

"އަހަރެންނަށް އެނގޭ މިޔާ ވީ ކޮންތާކުކަން." ޒާހިލް ބުންޏެވެ

(ނުނިމޭ)