އެފްއޭއެމް

އައިލެންޑް އޭވިއޭޝަނަށް 7.4 މިލިއަން ރުފިޔާ ދައްކަން އެފްއޭއެމްއަށް އަންގައިފި

ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް) އިން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އަށް ނުދައްކާ ހުރި 7.4 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނިން އެފްއޭއެމްއަށް އަންގައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން އެފްއޭއެމްއަށް ފޮނުވި ސިޓީއެއްގައި ބުނީ މީގެ ހަތް އަހަރު ކުރީގެ ބިލްތައްވެސް ނުދައްކާ ހުރި ކަމަށާއި އެ ކުންފުންޏަށް އެފްއޭއެމް އިން ޖުމްލަ 7،426،688.97 ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ނުދައްކާ ހުރި ފައިސާ ދައްކަން ކުރިންވެސް އެކި ފަހަރު މަތިން އަންގާފައިވާނެ ކަމަށާއި ކުރީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނާ އެކަމުގައި މަޝްވަރާތަކެއްވެސް ކުރެވުނު ކަމަށެވެ. އޭރު ކުރެވުނު މަޝްވަރާތަކަށްފަހު ވެސް ދަރަނީގެ ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށް އައިލެންސް އޭވިއޭޝަނުން ބުންޏެވެ.

އެފްއޭއެމްގެ ދަރަނީގެ މައްސަލަ 100 މިލިއަން ރުފިޔާ އިން މައްޗަށް ގޮސްފައިވާއިރު އެ އިދާރާ ހިންގުމަށް ފީފާ އިން ހަމަޖައްސާފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ގެންދަނީ ދަރަނި ހަލާސްކުރުމަށް މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ފީފާއިން ވަނީ އެފްއޭއެމް އިން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށާއި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފަ އެވެ. އެ ކޮމިޓީން ބުނީ ދަރަނީގެ ފައިސާ އަނބުރާ ދެއްކުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އެ ކޮމިޓީއަށް ފެންނަ ހިސާބުގައި ނެތުން ކަމަށެވެ.

ފީފާއިން ވަނީ އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް އެފްއޭއެމްގެ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ނޯމަލައިޒަން ކޮމިޓީއަށް ވަގުތު ދީފަ އެވެ.