މޯލްޑިވިއަން

މޯލްޑިވިއަންގެ ޗާޓާ ދަތުރުތައް ދެކުނު އެފްރިކާއަށް ފަށަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ޗާޓާ ދަތުރުތައް ދެކުނު އެފްރިކާއަށް ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސްއެލް) އިން ކުރި އިއުލާނެއްގައި ވަނީ ދެކުނު އެފްރިކާގައި ޗާޓާ ހިދުމަތްތަކާއި ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓް (ޖޭއެސްއޭ)ގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ކުރި އިއުލާނު މުއްދަތު އިތުރުކޮށްފި އެވެ.

މި ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރަން ޖެހެ އެވެ.

ދެކުނު އެފްރިކާއަށް ދަތުރުތައް ފަށަން ރާވާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މި ދަތުރުތަކަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޭ330-200 މަރުކާގެ ފްލައިޓެކެވެ. ޖުމްލަ 264 ސީޓު ހުންނަ މި ފްލައިޓްގައި ބިޒްނަސް ކްލާހުގައި 18 ސީޓު ހުންނައިރު ޕްރިމިއަމް އިކޮނޮމީގައި 36 ސީޓު އަދި އިކޮނޮމީ ކްލާހުގައި 210 ސީޓު ހުރެ އެވެ.

މޯލްޑިވިއަންގައި މި ވަގުތު އޭ320 މަރުކާގެ ފްލައިޓެއްވެސް އޮތްއިރު އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައިވާ ގޮތުން އޭ320 މަރުކާގެ ފްލައިޓް ދަތުރުކުރާ މަންޒިލަކަށް އޭ330-200 މަރުކާގެ ފްލައިޓް ދަތުރެއް ނުކުރާނެ އެވެ.

ޖޭއެސްއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޗާޓާ ދަތުރުތަކުގެ ބުކިން ހެދުމާއި މާކެޓްކުރުންވެސް ހިމެނެ އެވެ.