ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ދެއްކެވި ވާހަކަފުޅާ ގުޅިގެން ނަޝީދުގެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކްރާމް ވިދާޅުވީ ބޮމުގެ ހަމަލާއަށްފަހު ކުރިއަށް ވުރެ ބޮޑަށް ރައީސް ނަޝީދަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަންޖެހޭނަަމަ އެކަން ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި [ރައީސް ނަޝީދަށް] މިއަދު ރާއްޖެ ނާދެވޭނެ މާހައުލެއް ނެތް. ރައީސް ނަޝީދަށް ވަޑައިގެންނެވޭނެ. ވަޑައިނުގަންނަވަންވީ ސަބަބެއް ވެސް ނެތް،" އިކްރާމް ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ ރާއްޖޭގެ ކުރިއެރުމާއި ތަަރައްގީއަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަން ފާހަގަކުރައްވާ އިކްރާމް އިތުރަށް ވިދާޅުވީ ރާއްޖެ ވަޑައިގެން އެ މަސައްކަތްތައް މާ ރަނގަޅަށް ކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިކްރާމުގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވޭނެ ސަބަބެއް މިހާރު ނެތް ކަމަށް އިކްރާމު މަޖިލީހުގައި ވިދާޅުވި ބަސްފުޅާ މެދު ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަންބޮޑުވާ ކަމަށެވެ.
"ޓެރަރިސްޓް ހަމަލާއަށް ފަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް އިކްރާމު ވިދާޅުވިއިރު އެމަނިކުފާނުގެ ހަށިކޮޅަށް ބޮމުގެ ހަމަލާ ދިން އެތި ފަހަރު، ރާވައި ފަންޑުކުރި ފަރާތްތައް އަދި ހިފިފައި ނުވާ ކަމުގައި ފުލުހުން އިއުތިރާފުވެފައި ވެއެވެ،" ބަޔާނުގައިވެ އެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުގެ މާހައުލު އޮތީ އަމާންކޮށް ކަމުގައި ދޭހަވާ ގޮތަށް އިކްރާމް ވާހަކަ ދެއްކެވުމަކީ ނަޝީދުގެ ފުރާފުޅަށް މިހާރުވެސް އޮތް ނުރައްކާ ސީރިއަސް ކަމަށް އެއްވެސް ފަރުވާލެއްނެތި ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެ ވާހަކަ ތަކަކީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ތާއީދު ނެތް ވިޔާނުދާ ވާހަކަތަކެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ނަޝީދަށް ކުރިމަތި ކުރުވި ހަމަލާއިން އެމަނިކުފާނުގެ ހިމަގޮހޮރަށް ދާންދެން ފޫއަޅުވާލާފައި ވަނިކޮށް، އީދުއަސްހައްދައިގެން، ހުވަފެން ދައްކައިގެން ރައީސް ނަޝީދު ރާއްޖެ ގެނެވޭތޯ ގަދައެޅުމަކީ، އެމަނިކުފާނުގެ ހައްޓާއި ލެޔަށް ނުރައްކާވާ ގޮތަށް، އެ ނުރައްކަލަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ދެކެމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.